ހދ. އަތޮޅުގެ ތަރައްޤީއަށް ހުރި ހުރަސްތައް ނައްތާލައި، މަސައްކަތްތައް އަވަސްކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ހދ. އަތޮޅު ކައުންސިލާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާއާ ދެމެދު މުހިންމު އެއްބަސްވުންތަކަކަށް އާދެވިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.
ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ ހދ. އަތޮޅުގެ ތަރައްޤީއަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، އެ ވުޒާރާއިން އެ އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އަތޮޅުގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ފަހުގެ ތަފްޞީލުތަކުގެ މައްޗަށްކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން، މަސައްކަތް ފެށި ނުނިމި ހުރި މަޝްރޫޢުތައް މުރާޖަޢާކޮށް، އެ މަސައްކަތްތައް ހަލުވިކަމާއެކު ނިންމޭނެ ގޮތްތަކާ ބެހޭގޮތުން ދެފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
މި ބައްދަލުވުމުގެ ތެރެއިން، އަތޮޅުގެ ކުރިއެރުމަށްޓަކައި އަދި ނުފެށި ހުރި މުހިންމު އިސްނެގުންތަކާއި މަސައްކަތްތައް ފެށުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުންވެސް ޚިޔާލު ބަދަލުކުރެވިފައިވާއިރު، ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އަމާޒަކީ ސަރުކާރުން އަތޮޅުތަކުގެ ތަރައްޤީއަށް ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޛުކުރުމުގައި ކައުންސިލްތަކާ ގާތުން މަސައްކަތްކުރުން ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި މީގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ބައްދަލުވުމުގެ ނަތީޖާއެއްގެ ގޮތުން، ހދ. އަތޮޅުގެ ތަރައްޤީއަށް ހުރި ހުރަސްތައް ނައްތާލައި، މަސައްކަތްތައް އަވަސްކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ފަރާތުން ވަނީ އެއްބަސްވުންތަކަކަށް އައިސްފައިކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!