ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނު ރަސްމީކޮށް މިއަދު އިފުތިތާހުކޮށްފިއެވެ. ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ތަމްރީނު ޕްރޮގްރާމް އިފުތިތާހުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
350 ދަރިވަރުންނާއެކު ތަމްރީނުތައް ފެށުން
31 ޖަނަވަރީ 2026 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން ޖުމުލަ 350 ދަރިވަރުން ބައިވެރިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 286 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނެވެ.
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ އަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މިއީ ޒުވާނުން ބާރުވެރިކޮށް، މަސައްކަތުގެ އަޚުލާޤާއި ސުލޫކު އަށަގެންނެވުމަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
ތަމްރީނުގެ މުހިންމު ބައިތައް
މި ތަމްރީނުގެ ތެރޭގައި ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕްގެ އިތުރުން ބަހުގެ ހުނަރުތައް އުނގަންނައިދެވޭނެއެވެ. އަދި ހަށިހެޔޮކަން އިތުރުކުރުމަށް ކަސްރަތު ތަމްރީނުތަކާއި، އަޚްލާޤު ހަރުދަނާކުރުމަށް ހެވިކަމުގެ ތަމްރީނުތައްވެސް ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރުން ފަސްޓް އެއިޑް، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސް އަދި އަސްކަރީ ތަމްރީނުގެ ބައެއް ޙަރަކާތްތައް މި ޕްރޮގްރާމްގައި ހިމެނެއެވެ.
މި ތަމްރީނު ފުރިހަމަކުރާ ދަރިވަރުންނަށް ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަރޝިޕް ސެޓިފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓްގެ އިތުރުން ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!