ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާ، ފީފާއިން ފޮނުވި ފައިސާ ލޯންޑާކުރަން އެހީތެރިވި ކަމުގެ ތުހުމަތު ކުރެވޭ އެ އިދާރާގެ އެކައުންޓްސް ޑިޕާޓްމެންޓްގެ ކުރީގެ ވެރިޔާ މުހައްމަދު އަގީލް ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށްފި އެވެ.

އަގީލްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އިދާރާގެ ފައިސާ ބޭނުންކޮށްގެން އަމިން ކޮންސްޓްރަކްޝަންގެ ލަގްޒަރީ އެޕާޓްމަންޓެއް ގަތް މައްސަލާގައެވެ. މި މައްސަލާގައި އަގީލްގެ މައްޗަށް ކޮށްފައިވަނީ މަނީލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް، އަގީލް އުޅޭ ތަނެއް ނޭނގި ފިލައިގެން އުޅޭތީ އޭނާގެ ބައިގެ ޝަރީއަތް އޮތީ މަޑުޖެހިފަ އެވެ.

Ad
rt

އެނގިފައިވާ ގޮތުގައި، ބެންކޮކްގެ ފުލުހުން އަގީލް ހައްޔަރުކޮށްފައިވަނީ ވިސާ ވަޔަލޭޝަން ނުވަތަ ވިސާގެ އުސޫލުތަކާ ހިލާފުވި މައްސަލައެއްގައި ވެސް ބެލުމަށްފަހު އެވެ.

ގއ. ގެމަނަފުށި، ފެހިކުރި، އަގީލް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައިވާއިރު، އޭނާ ބެންކޮކްގައި އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ވަނީ މީގެ ކުރިން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފަ އެވެ.

މި މައްސަލައިގެ މައި ތުހުމަތުވާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް ފީފާއިން ދިން ފައިސާއަށް ހިޔާނަތްތެރިވުމާއި މަނީލޯންޑާ ކުރުމުގެ ދައުވާތައް ސާބިތުވެ، އޭނާ މިހާރު ވެސް އަންނަނީ 23 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.