ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށާއި، ދަނޑުވެރިކަމުގެ ދާއިރާއިން ޢިލްމީ ދިރާސާތައް ކުރުމަށްޓަކައި ގާއިމުކުރި ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީ ފުވައްމުލައް ސިޓީގައި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ލެބޯޓަރީއަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގައި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށާއި، ބަލިތައް ދެނެގަތުމުގެ ވަސީލަތްތައް ހަރުދަނާކުރުމަށް ގާއިމުކުރެވުނު މުހިންމު ބިނާއެކެވެ.
މި ލެބޯޓަރީގެ ސަބަބުން ދަނޑުތަކުގެ އުފެއްދުންތެރިކަން އިތުރުވެ، ފަނިފަކުސާ ކޮންޓްރޯލް ކުރުމުގެ އިތުރުން ގައުމީ ބަޔޯސެކިއުރިޓީ ވަރުގަދަވެގެންދާނެއެވެ.
ޒަމާނީ ވަސީލަތްތަކާއެކު ހަތަރު ދާއިރާއަކުން ޚިދުމަތް
މި ލެބޯޓަރީގައި މައިގަނޑު ހަތަރު ދާއިރާއަކުން ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ސޮއިލް އެނެލިޓިކަލް، ބައޯކޮންޓްރޯލް، ޓީޝޫ ކަލްޗަރ އަދި ޕެތޮލޮޖީ އެވެ. މި ވަސީލަތްތަކުގެ އެހީގައި ދަނޑުވެރިންނަށާއި، ދިރާސާކުރާ ފަރާތްތަކުގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން ފާހަގަކުރި ގޮތުގައި، މި ލެބޯޓަރީގެ ސަބަބުން އެ ސިޓީގެ އަނބުގަސްތަކަށާއި އަލައޮޅުތަކަށް މިހާރު ކުރިމަތިވެފައިވާ ބަލިތައް ދެނެގަނެ، ބައޮލޮޖިކަލް ގޮތްތައް ބޭނުންކޮށްގެން ފަރުވާ ހޯދުމުގެ ފުރުޞަތު ފުޅާވެގެންދާނެއެވެ. އަދި މީގެ ކުރިން ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ކުރަމުންދިޔަ ތަޙުލީލުތައް ދެން ރާއްޖޭގައި ކުރެވޭނެ އިންތިޒާމު މިވަނީ ހަމަޖެހިފައެވެ.
ބައިނަލްއަޤުވާމީ އެހީތެރިކަމާއެކު ކުރިއަށްދިޔަ މަޝްރޫޢެއް
މި މަޝްރޫޢަކީ ޔޫއެންޑީޕީގެ 'ޕްރޮޖެކްޓް ފޯ ޑިވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ' (ޕީ.ޑީ.އެސް.އޭ.އީ) ގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި މަސައްކަތަށް ޖަޕާން ސަރުކާރުގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާއިރު، ވޯލްޑް ބޭންކާއި އިފާޑް އިން ވެސް ވަނީ މިކަމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ލެބޯޓަރީ ހުޅުވުމަކީ ރާއްޖޭގައި މޫސުމަށް ހޭނޭ، ރައްކާތެރި އަދި ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދަނޑުވެރިކަމާބެހޭ ވުޒާރާއިން ސިފަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!