މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓުތައް ކޮމްޕްރޮމައިޒްކޮށް، އޭނާގެ ހިއްސާ އޮންނަ ކުންފުނީގެ ބެންކު އެކައުންޓުން 279,600 އަށްވުރެ ގިނަ ރުފިޔާ ވަގަށްނެގި މައްސަލާގައި އިތުރު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން އަލަށް ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ / ނާދީ، މުނާޛު ޖައުފަރު (24އ) އާއި ގދ. ގައްދޫ / އަތިރީއައްސޭރި، މުޙައްމަދު ނާއިޝް ނަބީލް (24އ) އާއި ސ. ހިތަދޫ / ހާލަމް، ޙަސަން ވިއާމް (19އ) އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ މި ޖަނަވަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ގޭންގު ކްރައިމްއާއި ތިނަދޫ ސިޓީ ޕޮލިސް އަދި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

Ad
rt

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުނާޛު ޖައުފަރު 15 ދުވަހަށް، މުޙައްމަދު ނާއިޝް ނަބީލް ހަތްދުވަހަށް އަދި ޙަސަން ވިއާމް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ކުރިން ހައްޔަރުކުރި ގއ. ކަނޑުހުޅުދޫ / ފޫހިވާގެ، މުޙައްމަދު ޢަލީ (42އ) ގެ ބަންދަށް ވަނީ އިތުރު 30 ދުވަސް ޖަހާފައެވެ.

މި ބޮޑު ސްކޭމް މައްސަލާގައި މީގެ ކުރިންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ލ. އިސްދޫ، ސ. ހިތަދޫ، ހދ. ވައިކަރަދޫ، ގއ. ކަނޑުހުޅުދޫ، މާލެ، ހއ. ކެލާ، ގދ. ފިޔޯރީ، ގދ. ތިނަދޫ އަދި ކ. ހިންމަފުށީގެ މީހުން ހިމެނެއެވެ.

ސްކޭމްކޮށްގެން 279600 ރުފިޔާ ވަގަށްނެގި މައްސަލައެއްގައި ގުރޫޕެއް ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.