ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެ ސިޓީގެ ސަރުކާރު ތިން ސްކޫލަށް ޒިޔާރަތްކުރައްވައި، ސްކޫލްތަކުގެ ހާލަތު އޮޅުންފިލުއްވައިފިއެވެ.

މި ޒިޔާރަތުގައި މޭޔަރު ވަނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި، ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތާއި މިވަގުތު ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

Ad
rt

ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، އެ ސިޓީގެ ސަރުކާރު ތިން ސްކޫލުގައި މިއަހަރު ޖުމްލަ 2,717 ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދެއެވެ.

ސްކޫލްތަކުގެ މެނޭޖްމަންޓުން ފާހަގަކޮށްފައިވާ ގޮތުގައި، ކިޔަވައިދިނުމަށް ބޭނުންވާ އެކަށީގެންވާ މިންވަރަށް މުދައްރިސުން މިހާރު ސްކޫލްތަކުގައި އެބަތިއްބެވެ. އަދި ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ލިބުމުގައި ވެސް މާބޮޑު ދަތިތަކެއް ކުރިމަތިވެފައި ނުވާކަން ސްކޫލްތަކުން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް، ތިން ސްކޫލަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށް ކައުންސިލުން ބުނެއެވެ. ޚާއްޞަކޮށް، ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިމާރާތްކުރަން ފަށާފައިވާ ކްލާސް ރޫމްތަކާއި އިންފްރާސްޓްރަކްޗަރގެ މަސައްކަތްތައް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ނުދާކަން މޭޔަރުގެ ޒިޔާރަތުގައި ވަނީ ފާހަގަކުރެވިފައިކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން ބުނީ މި ޖާގައިގެ ދަތިކަމުގެ ސަބަބުން، ކުޅުދުއްފުށީގެ ދެ ސްކޫލެއްގައި މިއަހަރު ވެސް ކިޔަވައިދެމުން ދަނީ ދެ ދަންފަޅިއަށް ބަހާލައިގެން ކަމަށެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި މޭޔަރު ވަނީ ސްކޫލްތަކުގެ އިސްވެރިންނަށް ދިރާސީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވައި، ކައުންސިލްގެ ފަރާތުން ދެވެން އޮތް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.