ނ. އަތޮޅު ވިހަފަރުގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތް ފެށުމަށް މިއަދު މެންދުރުފަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

Ad
rt

ނ. ވިހަފަރުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވައި، އިޢުލާންކުރެއްވީ 2024 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އަދި 2025 ވަނަ އަހަރުގެ ޖުލައި މަހު ނ.އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، 2026 ވަނަ އަހަރުގެ ކުރީކޮޅު މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

މި މަޝްރޫޢުގެ ދަށުން 40 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް، 1.6 މީޓަރުގެ އުސްމިނުގައި ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ވިހަފަރުގައި އެއާޕޯޓު އަޅަން ބިން ހިއްކަން ފެށުން، ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ރަސްމިއްޔާތުގައި ޢަމަލީ ގޮތުން މިމަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.

ނ. އަތޮޅު މާފަރުގައި މިހާރުވެސް ވައިގެބަނދަރެއް އޮތް ނަމަވެސް، އެ އަތޮޅު ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަޙައްދުގައި އިތުރު ވައިގެބަނދަރެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ވަކިން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާ އަތޮޅަކަށް ވުމާއެކު، އިޤްތިޞާދު ސިންދަފާތުކުރުމުގެ މަޝްރޫޢުތަކަށް މި އެއަރޕޯޓުގެ ސަބަބުން ދުރު ރާސްތާގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

މިއަދުގެ ރަސްމިއްޔާތަށް ފަހު، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ވަނީ ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

މިއީ ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން އެ އަތޮޅުގެ ތަރައްޤީއަށް ފެށުނު މުހިންމު މަޝްރޫޢެކެވެ.