ފަރަންސޭސިވިލާތުގެ 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ބިލެއް އެގައުމުގެ މަޖިލީހުން ފާސްކޮށްފިއެވެ.
އޮންލައިންކޮށް ގަނާކުރުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ހުރި ނުރައްކާތަކާ މެދު ކަންބޮޑުވުން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ފަރަންސޭސި ޕާލަމެންޓުގެ ތިރިގެއިން ވަނީ 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ތާއީދުކޮށް ވޯޓު ދީފައެވެ.
ހޯމަ ދުވަހުގެ ރޭ ބޭއްވި ނޭޝަނަލް އެސެމްބްލީގެ ޖަލްސާގައި މި ބިލު ފާސްކުރީ 130 މެންބަރުންގެ ވޯޓުންނެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ 21 މެންބަރުންނެވެ. މި ގާނޫނު ދެން ހުށަހެޅޭނީ ސެނެޓަށެވެ. އޭގެ ފަހުން ތިރިގޭގައި ފަހުގެ ވޯޓެއް ނެގޭނެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަރަންސޭސި ރައީސް އެމަނުއަލް މެކްރޮން ވަނީ، މިއީ ފަރަންސޭސިވިލާތުގެ ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ރައްކާތެރިކުރުމަށް އެޅުނު "ބޮޑު ފިޔަވަޅެއް" ކަމަށް ވިދާޅުވެ، މި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. ޒުވާނުންގެ މެދުގައި ހިނގާ ހަމަނުޖެހުންތަކުގެ އެއް ސަބަބަކީ ސޯޝަލް މީޑިއާ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. މިއީ ކުޑަކުދިންނަށް ސޯޝަލް މީޑިއާގެ ސަބަބުން ކުރާ އަސަރުތަކާ މެދު އާންމުންގެ މެދުގައި އޮތް ބޮޑު ކަންބޮޑުވުން ހާމަކޮށްދޭ ކަމެކެވެ.
"އަޅުގަނޑުމެންގެ ކުދިންނާއި ފުރާވަރުގެ ކުދިންގެ އިހުސާސްތަކަކީ އެމެރިކާގެ ޕްލެޓްފޯމްތަކުން ނުވަތަ ޗައިނާގެ އެލްގޮރިދަމްތަކުން ވިޔަފާރިކުރަން ނުވަތަ ނާޖާއިޒު ފައިދާ ނަގަން އޮތް އެއްޗެއް ނޫން،" ހޮނިހިރު ދުވަހު ދެއްކެވި ވީޑިއޯ މެސެޖެއްގައި މެކްރޮން ވިދާޅުވިއެވެ.
ރައީސް މެކްރޮން ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު އާ ތައުލީމީ އަހަރު ފެށޭއިރަށް މި މަނާކުރުން ތަންފީޒު ކުރަން ބޭނުންފުޅުވާ ކަމަށެވެ. މި ބިލު ހުށަހެޅުއްވި މެންބަރު ލޯރާ މިލާ ވިދާޅުވީ، މި ގާނޫނަކީ މުޖުތަމައުގައި ސާފު އިމެއް ކަނޑައަޅައި، ސޯޝަލް މީޑިއާއަކީ ގެއްލުމެއް ނެތް އެއްޗެއް ނޫންކަން ބުނެދޭ ގާނޫނެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ކުދިން ފޮތް ކިޔާ މިންވަރު މަދުވެ، ނިދާ ވަގުތު ކުޑަވެ، އެކަކު އަނެކަކާ އަޅާކިޔުން ވަނީ އިތުރުވެފައި، މިއީ މިނިވަން ފިކުރެއް ހޯދުމަށް ކުރެވޭ ހަނގުރާމައެއް." އޭނާ އިތުރަށް ވިދާޅުވެފަވެއެވެ.
ކުރީގެ ބޮޑުވަޒީރު އަދި މަޖިލީހުގައި މެކްރޮންގެ ރެނެސަންސް ޕާޓީގެ ލީޑަރު ގެބްރިއަލް އެޓާލް އިތުރަށް ވިދާޅުވީ، އުމުރުގެ ހުދޫދަށް ނުފެތޭ މިހާރު ހުރި އެކައުންޓްތައް އުވާލުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ޑިސެމްބަރު 31 ގެ ނިޔަލަށް މުހުލަތު ދެވޭނެ ކަމަށެވެ.
ފަރަންސޭސިވިލާތުގެ މި މަނާކުރުމުގެ ދަށުން، ޔޫރަޕިއަން ޔޫނިއަންގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އުމުރު ކަށަވަރުކުރާ ނިޒާމުތައް މެދުވެރިކޮށް، ފުރާވަރުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓުވުމަށް ޕްލެޓްފޯމްތަކަށް މަޖުބޫރުވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!