ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހިންގާ އެފޯޑަބަލް ހައުސިންގެ ފަސް މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫއުތަކުގެ މަސައްކަތް ފެށުމަށް މިއަދު ހުޅުމާލޭގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

Ad
rt

މި މަޝްރޫއުތަކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ (އައިއެންއޭއެޗް) ގެ ދަށުން ކަނޑައަޅާފައިވާ މަގުސަދުތައް ހާސިލްކުރުމަށް އުފެއްދި ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނިން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ. މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ޑރ. ޢަބްދުالله މުއްޠަލިބާއި، ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބްގެ އިތުރުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

މަޝްރޫއުތައް ހަވާލުކުރެވުނު ކުންފުނިތައް

މި މަޝްރޫއުތައް ހިންގުމަށް ހަވާލުކޮށްފައިވަނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ދަށުން ކަނޑައަޅާފައިވާ ގަވަރނަންސް އަދި ރިސްކް ސްޓޭންޑަރޑްތަކާ އެއްގޮތަށް ކުރިއަށްގެންދިޔަ އިވެލުއޭޝަން މަރުހަލާއަށްފަހު ހޮވުނު ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކާއެވެ.

އެގޮތުން މި މަސައްކަތް ހަވާލުކޮށްފައިވާ ރާއްޖޭގެ ކުންފުނިތަކަކީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އެވެ. ރާއްޖޭން ބޭރުގެ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އެވެ.

3,200 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް

މި މަޝްރޫއުތައް ނިމުމުން ހުޅުމާލޭ ފޭސް 1، ފޭސް 3 އަދި ވިލިމާލޭގައި 3,200 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ގާއިމުކުރެވޭނެއެވެ. މި ޔުނިޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ނިސްބަތުން ކުޑަ ކުއްޔެއްގައި، ކުލި ދައްކައި ޚަލާސްކުރުމުން އަމިއްލަ މިލްކުވެރިކަން ލިބޭ ގޮތަށެވެ. މިއީ ރާއްޖޭގައި ގެދޮރު ހޯދުމަށް އޮތް ބޮޑު ޑިމާންޑަށް އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަސައްކަތެކެވެ.

މި ފަސް މަޝްރޫއު ފެށުމަކީ ބޭންކް އޮފް މޯލްޑިވްސް އާއި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ބޯހިޔާވަހިކަމުގެ ގައުމީ ސްޓްރެޓެޖިކް އަމާޒުތަކަށް އެއްބާރުލުންދީ، ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ ތެރެއިން ހެޔޮ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.