މާލޭގެ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ސެގްމެންޓު ދޭއްގައި ހިމެނޭ ސަރަހައްދުގެ ޝީޓްޕައިލިން މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ދެވަނަ ސެގްމެންޓުގައި ހިމެނޭ 260 މީޓަރުގެ ޝީޓްޕައިލިން މަސައްކަތް މިހާރު ވަނީ %100 ނިމިފައެވެ. މީގެ އިތުރުން، 105 މީޓަރުގެ ކުއޭ ވޯލް ކެޕިން ކޮންކްރީޓް މަސައްކަތް ނިމިފައިވާއިރު، ބިން ހިއްކުމުގެ މަސައްކަތުގެ %65 ވެސް މިހާރު ވަނީ ނިމިފައެވެ. ދެވަނަ ސެގްމެންޓަކީ ބާޒާރު މަތީގެ ސަރަހައްދު ހިމެނޭ ބައެވެ.

Ad
rt

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ހަދާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް ފުރަތަމަ ސެގްމެންޓުގެ މަސައްކަތް ނިންމައި، އެ ސަރަހައްދު ވަނީ އާއްމުންނަށް ހުޅުވާލާފައެވެ.

މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް ބަދަލުކުރެވޭނެއެވެ. އަދި ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް ތާރު އަޅައި، ދުވާރުތަކާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން، ރޯޑް މާކިން އާއި ސައިން ބޯޑް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.

ޖުމްލަ 144,509,024.16 ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މި މަސައްކަތް ނިމުމުން މާލޭގެ އުތުރު ފަރާތުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.