އީރާނާ ދެކޮޅަށް ހިންގާ އެއްވެސް "ޢަދާވާތްތެރި އަސްކަރީ ހަރަކާތެއްގައި" ޔޫއޭއީގެ ވައިގެ ސަރަހައްދު، ބިން ނުވަތަ ކަނޑުގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނުދޭނެކަމުގެ ޔަގީންކަން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ހޯމަ ދުވަހު އަލުން ދީފިއެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނާ ދެކޮޅަށް ދޭ އެއްވެސް ހަމަލާއަކަށް ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްނުދިނުމަށްވެސް އެގައުމުން އިލްތިޒާމްވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ޔޫއޭއީން ގަބޫލުކުރަނީ މަޝްވަރާ ކުރުމާއި، މަސްލަހަތު ފިނިކުރުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކަށް ތަބާވުމާއި، ދައުލަތްތަކުގެ ސިޔާދަތަށް އިހުތިރާމް ކުރުމަކީ މިހާރު އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް އޮތް އެންމެ ފައިދާހުރި ބިންގާ ކަމަށެވެ. އަދި މިއީ ޚިލާފުތައް ހައްލުކުރުމުގައި ޑިޕްލޮމެޓިކް ވަސީލަތްތައް ބޭނުންކުރުމަށް އެ ގަލްފު ގައުމުން ގެންގުޅޭ ސިޔާސަތުކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
އިގްތިސާދީ ހާލަތު ގޯސްވުމާ ގުޅިގެން މިދިޔަ މަހު އީރާނުގެ ބައެއް ސިޓީތަކުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކަށްފަހު، ވޮޝިންޓަނާއި ތެހެރާނާ ދެމެދު އޮތް ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި، އީރާނަށް ހަމަލާއެއް ދީފާނެ ކަމަށް ބަލައި، އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު 'ޔޫއެސްއެސް އަބްރަހަމް ލިންކަން' އާއި އެއާއެކު ދަތުރުކުރާ ތިން ޑިސްޓްރޯޔަރު ހުކުރު ދުވަހު ވަނީ އިންޑިއާ ކަނޑަށް ފޯރާފައެވެ. މިއީ ގަލްފް އޮފް އޮމާނަށް ދިއުމުގެ މަގުމަތީގައެވެ.
ހޮނިހިރު ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ޚަބަރުތައް ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، އެމެރިކާގެ "އާމާޑާ" (މަނަވަރުތަކުގެ ފައުޖެއް) މެދުއިރުމައްޗަށް ދަތުރުކުރަމުންދާ ކަމަށާއި، ވޮޝިންޓަނުން އީރާނުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
އެމެރިކާގެ ސަރުކާރުން ބުނާ ގޮތުގައި ތެހެރާނާ މެދު އަމަލުކުރުމުގައި އަސްކަރީ ފިޔަވަޅު ހިމެނޭހެން ހުރިހާ ގޮތްތަކެއް އަދިވެސް އޮތީ ހުޅުވާލެވިފައެވެ. އެމެރިކާ އާއި އިސްރާއީލުން މަސައްކަތް ކުރަމުންދަނީ އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށެވެ.
އީރާނުގެ އޮފިޝަލުން ވަނީ އެމެރިކާއިން ދޭ ކޮންމެ ހަމަލާއަކަށް "އަވަސް އަދި ފުރިހަމަ" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
މިދިޔަ ޖޫން މަހު، އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުން އީރާނާ ދެކޮޅަށް 12 ދުވަހުގެ ހަނގުރާމައެއް ފެށިއެވެ. މީގެ ރައްދުގައި ތެހެރާނުން ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައިވަނިކޮށް، ވޮޝިންޓަނުން ވަނީ ހަމަލާބަދަލުކުރުން ހުއްޓާލިކަން އިއުލާނުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!