ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި، މުބާރާތުގެ އެއް މެޗު ބާކީ އޮއްވާ ރާއްޖޭގެ ގައުމީ ޓީމުން ކަށަވަރުކުރުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ޓީމަށް ސާބަހާއި ޝުކުރު އަދާކުރައްވައިފިއެވެ. ރާއްޖެއިން މި ތާރީޚީ ކާމިޔާބީ ހޯދީ މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ.
މި ކާމިޔާބީއާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަން ވަނަތަކަކީ ޤައުމުގެ މުސްތަޤުބަލަށް އުޖާލާކަން ލިބޭ ކަމެއް ކަމަށެވެ. ވަކީން ޚާއްޞަކޮށް، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ބައިނަލްއަޤުވާމީ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއްކަން ފާހަގަކުރައްވައި، މިއީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެއްކި ނަމޫނާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ ޓީމަށް ތަހުނިޔާ ފޮނުއްވާފައެވެ. ނައިބު ރައީސް ވިދާޅުވީ މި ކާމިޔާބީއަކީ ޒުވާން އެތުލީޓުންނަށް ލިބޭނެ ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މެޑަމް ސާޖިދާ ވަނީ ޓީމުން ދެއްކި މޮޅު ކުޅުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ޝަރަފެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ތައިލެންޑުގެ ނޮންތަބުރީ ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި ކުޅުނު މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. މި މޮޅާއެކު ރާއްޖެއަށް ވަނީ ޖުމްލަ 15 ޕޮއިންޓް ލިބިފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބޫޓާނުން ކަމަށްވީ ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޢަބްދުﷲ ޖުނައިދު (ޖެންނޭ) ވަނީ ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އަޙްމަދު ޙަމީދު (އައްމަޑޭ) ހިލޭ ޖެހުމަކުން ރާއްޖެއަށް ލީޑު ހޯދައިދިންއިރު، ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އެވެ.
މި ކާމިޔާބީއާއެކު ރާއްޖޭގެ ފިރިހެން ގައުމީ ފުޓްސަލް ޓީމުން ވަނީ ސަރަޙައްދީ ފެންވަރުގައި ތާރީޚީ ރެކޯޑެއް ގާއިމުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!