މާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 28 އަހަރާއި 36 އަހަރުގެ ދެ ފިރިހެނުންނެވެ.

Ad
rt

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ގަލޮޅު އަވަށުގެ ގެއެއް ބަލައިފާސްކުރިއިރު، އެ ގެއިން 266.29 ގުރާމުގެ މަސްތުވާތަކެތި ފެނިފައިވެއެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 80,000 އަށްވުރެ ގިނަ ރުފިޔާ ވެސް އެ ގެއިން ވަނީ ފެނިފައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ އަމްޖަދު ރިޤާބާއި މުޙައްމަދު ނާއިފެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަމްޖަދު ރިޤާބް 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މުޙައްމަދު ނާއިފް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ ނިންމާފައެވެ.

މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ. މި މައްސަލަ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.