ހއ. އިހަވަންދޫގައި ގާއިމުކުރަން ސަރުކާރުން ނިންމާފައިވާ އިސްލާމީ މަރުކަޒުގެ މަޝްރޫޢުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. ފެޑޯގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޢަލީ ވާސިއު އެވެ.

Ad
rt

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި މިއީ 700 މީހުންގެ ޖާގައިގެ ތަނެކެވެ.

މި އިސްލާމީ މަރުކަޒުގައި ކްލާސްރޫމާއި، ލައިބްރަރީ އާއި، ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދާއި ވުޟޫކުރާ ބަޔާއީ އަދި ކޮންވެންޝަލް ހޯލެއް ހިމެނޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފަވެއެވެ.

އިހަވަންދޫގައި އިސްލާމީ މަރުކަޒެއް އަޅަން ހަވާލުކުރިއިރު މި މަރުކަޒު ވެގެންދާނީ ހއ. އަތޮޅުގެ ދެވަނަ އިސްލާމީ މަރުކަޒަށެވެ. ހއ. އަތޮޅުގެ ފުރަތަމަ އިސްލާމީ މަރުކަޒު ބިނާކޮށްފައި ވަނީ ވެރިރަށް ދިއްދޫގައެވެ. އެ މަރުކަޒު ވަނީ 28 ނޮވެމްބަރު 2025 ގައި ހުޅުވައި ބޭނުންކުރަން ފަށާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ މިއަދު އިތުރު ރަށްރަށުގެ މަޝްރޫޢުތައް ވެސް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައެވެ. އެއީ ގއ. ވިލިނގިލީގައި އިސްލާމީ މަރުކަޒަކާއި، ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް އެޅުމަށާއި، ކ. ގުޅީގައި މިސްކިތެއް އެޅުމަށާއި އަދި ޅ. ނައިފަރުގައި އިސްލާމީ މަރުކަޒެއް އެޅުމަށެވެ.