ކުރިއަށް އޮތް ޕީކް ސީޒަނާއި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، 12 ރަށަކަށް ބޭނުންވާ ޖެންސެޓްތައް ފޮނުވުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފަށައިފިއެވެ.

މިއީ ކޮންމެ އަހަރަކުވެސް ކަރަންޓުގެ ޑިމާންޑް ބޮޑުވާ ދުވަސްވަރާ ދިމާކޮށް، ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

Ad
rt

ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މި މަސައްކަތުގެ ދަށުން 12 ރަށަކަށް ޖުމްލަ 12 ޖެންސެޓް ފޮނުވުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ 600 ކިލޯވޮޓް، 800 ކިލޯވޮޓް، އަދި 1000 ކިލޯވޮޓްގެ ޖެންސެޓްތަކެވެ. މި ތަކެތި ރަށްރަށަށް ގެންގޮސް، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އިންސްޓޯލްކޮށް ނިންމުމަށް އެ ކުންފުނިން ވަނީ އަމާޒު ހިފާފައެވެ.

ކުންފުނިން ވިދާޅުވީ، މި އައު ޖެންސެޓްތަކާއެކު ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ކަރަންޓުގެ ޚިދުމަތަށް އޮންނަ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށްވެސް ސްޓެލްކޯއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވިލިމާލޭގެ އިންޖީނުގެއަށް ގެންދެވުނު 1200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް މިހާރު ވަނީ ކޮމިޝަންކޮށް ބޭނުންކުރަން ފަށާފައެވެ. މިއާއެކު ވިލިމާލޭގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުވެ، އެ ރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަގީންކަން އިތުރަށް ކަށަވަރުވެފައިވާ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަރަންޓުގެ ބޭނުން އެންމެ ބޮޑުވާ ދުވަސްވަރުގައިވެސް މެދުކެނޑުމެއް ނެތި، ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށެވެ. މިގޮތުން ރަށްރަށުގެ އިންޖީނުގެތަކުގެ ގާބިލުކަން އިތުރުކުރުމަކީ އެ ކުންފުނިން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.