ނިމިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ކުރިން އަންދާޒާކުރި މިންވަރަށްވުރެ ބޮޑުތަނުން އިތުރުވެ، އެއް ބިލިއަން ޑޮލަރާ ގާތްކޮށްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރު ނިމުނުއިރު ރަސްމީ ރިޒާވް ހުރީ 948.3 މިލިއަން ޑޮލަރުގައެވެ.
މިއީ 2024 ވަނަ އަހަރު ނިމުނުއިރު ހުރި 588.6 މިލިއަން ޑޮލަރާ އަޅާބަލާއިރު ގާތްގަނޑަކަށް 61 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. ކަމާބެހޭ ފަރާތްތަކުން ކުރިން އަންދާޒާކޮށްފައިވަނީ އަހަރު ނިމޭއިރު ރިޒާވް ހުންނާނީ 800 މިލިއަން ޑޮލަރުގައި ކަމަށެވެ. ނަމަވެސް އަހަރުގެ ފަހު މަސްތަކުގައި ރިޒާވަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.
މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރިޒާވް އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ މާރިޗު މަހުއެވެ. އެ މަހު ރިޒާވް ހުރީ 541.7 މިލިއަން ޑޮލަރުގައެވެ. ނަމަވެސް އޭގެ ފަހުން ކޮންމެ މަހަކުވެސް ރިޒާވް އިތުރުވަމުން ގޮސް، ޑިސެމްބަރު މަހު ވަނީ 948.3 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ޖަނަވަރީ މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށް ބަލާއިރު 336.5 މިލިއަން ޑޮލަރު ނުވަތަ 55 އިންސައްތައިގެ ކުރިއެރުމެކެވެ.
ޖުމްލަ ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގެ ގޮތުގައި އަހަރު ނިމުނުއިރު 231.8 މިލިއަން ޑޮލަރު ހުއްޓެވެ. މިއީ ނޮވެމްބަރު މަހު ހުރި 226.6 މިލިއަން ޑޮލަރާ އަޅާބަލާއިރު 5.2 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. ޔޫޒަބަލް ރިޒާވްގެ ގޮތުގައި ބަލަނީ ޖުމްލަ ރިޒާވުން ކުރު މުއްދަތުގެ ދަރަނިތައް އުނިކުރުމުން ބާކީ ހުންނަ އަދަދަށެވެ.
މިދިޔަ އަހަރުގެ ތެރޭގައި ރިޒާވް އިތުރުވެފައިވާ މިންވަރުތަކަށް ބަލާއިރު، ޖޫން މަހުން ފެށިގެން ރިޒާވް ވަނީ ބޮޑުތަނުން މަތިވާން ފަށާފައެވެ. އެގޮތުން އޮގަސްޓް މަހު 810 މިލިއަން ޑޮލަރަށް އަރައި، އޭގެ ފަހުން ކޮންމެ މަހަކުވެސް ވަނީ ރިޒާވް އިތުރުވަމުން ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!