އިންސާނާގެ ޙަޔާތުގައި ކުރިމަތިވާ އެކި ކަންކަމަކީ އެމީހެއްގެ ވަށައިގެން ތިބި މީހުންގެ އަސްލު ސޫރަ ފެންނަ ކަންކަމެވެ. ޚާއްޞަކޮށް ބޮޑެތި އިމްތިޙާނުތަކާއި ނާޒުކު ދަނޑިވަޅުތަކަކީ ޙަޤީޤީ އެކުވެރީންނާއި ރަޙުމަތްތެރީން ވަކިކޮށްދޭ މިންގަނޑެކެވެ. މި މަތިވެރި ފިލާވަޅަކީ އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތުން އަޅުގަނޑުމެންނަށް ލިބިދޭ އެންމެ މުހިންމު އެއް ޢިބުރަތެވެ.
ރާއްޖޭގައި މިއަދު ''އިސްރާއާއި މިޢުރާޖުގެ ޢިބުރަތްތަކުގެ މައްޗަށް'' ގެނެސްދިން ހުކުރު ހުތުބާއިން އަޅުގަނޑުމެންނަށް އަގުހުރި އެތައް ފިލާވަޅެއް ލިބިދެއެވެ. އެއިގެ ތެރެއިން ބައެއް ކަންކަމަށް ބަލާއިރު،
އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު: ތަސައްލީއަކާއި އިމްތިޙާނެއް
އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ ކީރިތި ރަސޫލާ ﷺ އަށް މާތް الله ދެއްވި ބޮޑުވެގެންވާ މުޢުޖިޒާތެކެވެ. މި ދަތުރުފުޅު ކުރިމަތިވީ އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން ޚަދީޖަތުގެފާނާއި ބޮޑުބޭބޭފުޅު އަބޫޠާލިބު އަވަހާރަވުމުން ލިބިވަޑައިގަތް ފުން ހިތާމައިގެ ދަނޑިވަޅެއްގައެވެ. މިއީ އެކަލޭގެފާނުގެ ހިތްޕުޅަށް ލިބުނު ތަސައްލީއެއްގެ އިތުރުން، މުޅި މުސްލިމް އުންމަތަށް ކުރިމަތިކުރެއްވި ބޮޑު އިމްތިޙާނެކެވެ. މި ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަމާއި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުން ވާތްގާއި މަދަދު ހޯދާ މީހާ ދުވަހަކުވެސް ނާއުންމީދުވާން ނުޖެހޭނޭ ކަމެވެ.
ޙަޤީޤީ ރަޙުމަތްތެރިކަމުގެ ނަމޫނާ: އަބޫބަކުރުގެފާނު
އިސްރާއާއި މިޢުރާޖުގެ ވާހަކަފުޅުތައް މައްކާގެ އަހުލުވެރީންގެ ގާތުގައި ދެއްކެވުމުން، މުޝްރިކުން އަވަސްވެގަތީ އެކަލޭގެފާނު ދޮގުކުރުމަށާއި މުއުމިނުންގެ ހިތްތަކުގައި ޝައްކު އުފެއްދުމަށެވެ. ނަމަވެސް، މި ނާޒުކު ދަނޑިވަޅުގައި ޙަޤީޤީ އެކުވެރިކަމުގެ ނަމޫނާ ދެއްކެވީ އަބޫބަކުރުގެފާނެވެ. އެއްވެސް ޖެހިލުންވުމަކާ ނުލައި، ސާބިތުކަމާއެކު ރަސޫލާ ﷺ ގެ ބަސްފުޅުތައް ތެދުކުރެއްވުމުން އެކަލޭގެފާނަށް "އައްޞިއްދީޤު" ގެ މަތިވެރި ލަޤަބު ލިބިވަޑައިގަތެވެ. މިއިން އެނގެނީ ބޮޑެތި ކަންތައްތައް ކުރިމަތިވާ ހިނދު، ފަސްޖެހުމެއް ނެތި ތެދުވެ ހުންނަ މީހަކީ ޙަޤީޤީ ރަޙުމަތްތެރިޔާ ކަމެވެ.
''އިސްރާއަކީ މި ބިންމަތީގައި ހިނގި ހާދިސާއެކެވެ. ރޭގަނޑުން ބައެއްގައި މާތްالله މާތްކުރައްވައިފައިވާ މައްކާގެ އަލްމަސްޖިދުލްޙަރާމުން އަލްމަސްޖިދުލްއަޤްޞާއަށް ކުރެއްވި ދަތުރުފުޅެވެ. މިޢުރާޖުގެ ދަތުރުފުޅަކީ ބައިތުލް މަޤްދިސުން ފެށިގެން މަތިވެރިވެގެންވާ އުޑުތަކަށް އަދި އެއަށް ފަހު ސިދުރަތުލްމުންތަހާއަށް ކުރެއްވި ދަތުރުފުޅެވެ. މި ދަތުރުފުޅު ނިމުނު ހިސާބު ދެނެވޮޑިގެންވަނީ ހުރިހައި ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ، އެއްވެސް ކަމެއް ވަންހަނާވެގެންނުވާ اللهُ سُبْحَانَهُ وَتَعَالَىއެވެ. ކީރިތި ރަސޫލާ، ކުރީން ވެސް އަދި ފަހުން ވެސް، އެއްވެސް މީހަކަށް ވާޞިލު ނުވެވޭނޭ މަތިވެރި މަޤާމަކަށް މި ދަތުރުފުޅުގައި ވާޞިލުވެވަޑައިގަތެވެ.'' -ހުކުރު ހުތުބާ-
ހިތުގެ ޠާހިރުކަމާއި އީމާންކަމުގެ މުހިންމުކަން
މި މަތިވެރި ދަތުރުފުޅަށް ރަސޫލާ ﷺ ތައްޔާރުކުރެއްވުމުގެ ގޮތުން އެކަލޭގެފާނުގެ މޭފުޅު ސާފުކުރަށްވައި ހިތްޕުޅު ޠާހިރުކުރެވުނެވެ. މިއީ ކޮންމެ ބޮޑު ކަމަކާ ކުރިމަތިލާއިރުވެސް ހިތުގެ ސާފުކަމާއި ފުރިހަމަ އީމާންކަން ހުރުމުގެ މުހިންމުކަން އަންގައިދޭ ކަމެކެވެ. ބައިތުލްމަޤްދިސުގައި ހުރިހާ ނަބީބޭކަލުންގެ އިމާމަކަށްވެވަޑައިގެން ނަމާދުކުރެއްވުމާއި، އުޑުތަކަށް ކުރެއްވި ދަތުރުފުޅުގައި އެއްވެސް އިންސާނަކަށް ވާޞިލުނުވެވޭ ފަދަ މަތިވެރި މަޤާމަކަށް ވާޞިލުވެވަޑައިގަތުމަކީ އެކަލޭގެފާނުގެ މަތިވެރިކަން ހާމަވާ ކަންކަމެވެ.
ނަމާދާއި ހެޔޮ އަމަލުގެ މަތިވެރިކަން
މި ދަތުރުފުޅުގައި މާތް الله ދެއްވި އެންމެ ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދެވެ. ނަމާދަކީ މުއުމިނުންގެ މިޢުރާޖު ކަމުގައި ޢިލްމުވެރިން ސިފަކުރައްވައެވެ. މީގެ އިތުރުން، އިންސާނާ ކުރާ ކޮންމެ ހެޔޮ ކަމަކަށް، ޚާއްޞަކޮށް ދޫ ރައްކާތެރިކޮށް الله ހަނދުމަކުރުމުގައި ދެމިހުންނަ މީހާއަށް މަތިވެރި ސަވާބާއި ދަރުމަ ލިބޭނެކަން މި ޙާދިސާއިން ކަށަވަރުވެއެވެ. ސުވަރުގެއަކީ ރަނގަޅު ފަސްގަނޑެއްގެ މީރު ފެން ލިބިގެންވާ ތަނެއްކަމާއި، އެތަނުގެ ގަސްތަކަކީ ތަސްބީޙަ ކިޔުންކަން ރަސޫލާ ﷺ ވަނީ އުންމަތަށް އަންގަވައިދެއްވާފައެވެ.
ޖުމްލަގޮތެއްގައި ބަލާއިރު، އިސްރާއާއި މިޢުރާޖުގެ ޙާދިސާއަކީ ހަމައެކަނި ތާރީޚީ ދަތުރެއް ނޫނެވެ. އެއީ ޙަޤީޤީ ރަޙުމަތްތެރީން ދެނެގަންނާނެ ގޮތާއި، ކޮންމެ ދަތިކަމަކަށްފަހު ފަސޭހަކަން އަންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބިދޭ ފިލާވަޅެކެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކުގައި އަބޫބަކުރުގެފާނު ފަދަ ވަފާތެރި އެކުވެރިންގެ އަގު ވަޒަންކޮށް، اللهއަށް ފުރިހަމައަށް ވަކީލުކުރުމަކީ ކާމިޔާބީގެ އަސްލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!