އައްޑޫސިޓީ ހިތަދޫގައި ހަރަކާތްތެރިވާ "ސްކޫޕު" ގްރޫޕަކީ އިންތިޒާމުވެގެން ކުށްކުރާ ގޭންގެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިއެވެ.
މިއީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ އައު ޤާނޫނުގެ ދަށުން ގޭންގެއް ކަމަށް ކަނޑައެޅުމަށް ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލައެވެ.
ޕީޖީ އޮފީހުން ހައިކޯޓަށް ހުށަހެޅި މި މައްސަލާގައި، "ސްކޫޕު"، "ސްކޫޕު ކަންމަތި" ނުވަތަ "SKP" ގުރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅައިދިނުމުގެ އިތުރުން، އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަކުރެވޭ 9 މީހަކީ ގޭންގު މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށްވެސް ވަނީ އެދިފައެވެ. މި ހުށަހެޅުން ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 7/2025 ގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ މައްޗަށް ބިނާކޮށެވެ.
މި މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ވަނީ އިތުރު އަމުރުތަކަކަށްވެސް އެދިފައެވެ. އެގޮތުން، އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ބެލެވޭ "އެސް ކޭ ޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދެއްވުމަށާއި، ހިތަދޫގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި ލިޔެފައިވާ ގްރޫޕުގެ ނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް ވަނީ އެދިފައެވެ.
ފުލުހުންނާއި ޕީޖީ އޮފީހުން ކުރި ދިރާސާތަކުން ދައްކާގޮތުގައި، މި ގްރޫޕަކީ މިހާރުވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ، އަދި ޤާނޫނީ ގޮތުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ބައެކެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު، މި ގްރޫޕަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގާ ގްރޫޕެއްކަން ފާހަގަކުރެވޭ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މި މައްސަލައަކީ ރާއްޖޭގައި ގޭންގު ކުށްތައް ހުއްޓުވުމަށް އަލަށް އެކުލަވާލި ހަރުކަށި ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް ފެށި މުހިންމު މަސައްކަތެކެވެ. މި މައްސަލައިގައި ހައިކޯޓުން ނިންމާ ނިންމުމަކީ ކުރިއަށް އޮތް ތަނުގައި މިފަދަ އެހެން ގްރޫޕްތަކާ މެދު ފިޔަވަޅު އެޅުމުގައި މުހިންމު ދައުރެއް އަދާކުރާނެ ނިންމުމެއް ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!