ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައި އިނގިރޭސިވިލާތަށް ނިސްބަތްވާ ދެ ފަތުރުވެރިން ރާއްޖޭގައި މަރުވެފައިވާއިރު، އެ ދެމަފިރިންގެ މަރުގައި ތުހުމަތުކުރެވޭފަދަ އެއްވެސް ކަމެއް މިހާތަނަށް ފާހަގަކުރެވިފައިނުވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި، އއ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އުމުރުން 70 އަހަރުގެ އެލައިނީ ރިޗްމޮންޑް ނިޔާވީ 2025 ޑިސެމްބަރު 19 ވަނަ ދުވަހުއެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ފިރިމީހާއާއެކު ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނިކޮށް އެ ސަރަހައްދުގެ މޫދު ތެރެއިންނެވެ.
އޭނާގެ ފިރިމީހާ، އުމުރުން 71 އަހަރުގެ މެލްކޮމް ޖޯން ރިޗްމޮންޑް ނިޔާވީ އޭގެ ފަސް ދުވަސް ފަހުން ޑިސެމްބަރު 24 ވަނަ ދުވަހުއެވެ. އޭނާ ނިޔާވީ އެނބުރި ގައުމަށް ދިއުމަށް އެއާޕޯޓަށް ގޮސް ހުއްޓާ ސިއްހީ ހާލަތު ގޯސްވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި ދެ މީހުންގެ މަރުގައިވެސް އެހެން މީހެއްގެ ބައިވެރިވުމެއް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
އެލައިދޫގެ ގާތް ދެ ރަހުމަތްތެރިން
މި ހާދިސާއާ ގުޅިގެން އިނގިރޭސިވިލާތުގެ ޑެއިލީމެއިލް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދެމަފިރިންނަކީ އއ. އެލައިދޫ ރިސޯޓަށް ވަރަށް ގިނައިން ޒިޔާރަތްކުރާ ބައެކެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ތައުޒިޔާގެ މެސެޖުތަކުން އެނގޭ ގޮތުގައި، އެލައިނީ އާއި މެލްކަމް ވަނީ އެލައިދޫއަށް 60 އަށްވުރެ ގިނަ ފަހަރު ޒިޔާރަތްކޮށްފައެވެ. އަދި ވޭތުވެދިޔަ 17 އަހަރުގެ ކްރިސްމަސް ޗުއްޓީ އެމީހުން ހޭދަކޮށްފައިވަނީ އެ ރިސޯޓުގައެވެ.
"އިލެއިން އަދި މެލްކަމް ވަނީ އެލައިދޫއަށް 60 އަށްވުރެ ގިނަ ފަހަރު ޒިޔާރަތްކޮށްފައި، 2025 ވަނަ އަހަރު އެކަނިވެސް ތިން ފަހަރު ޒިޔާރަތްކުރި،" މޯލްޑިވްސް ހޮލިޑޭމޭކާސް ފޭސްބުކް ޕޭޖުގައި ޕެޓް ސްކެނެލް ލިޔެފައިވާ މެސެޖެއްގައި ބުނެފައިވެއެވެ.
އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން އެ ދެމަފިރިންނަކީ އެ ރިސޯޓުގެ މުވައްޒަފުންގެ މެދުގައި ވަރަށް މަގުބޫލު، އެންމެންނާވެސް ގާތް ގުޅުމެއް ބޭއްވި ބައެކެވެ.
މި ދެމަފިރިންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 29 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ބްރިމިންގޓަން ކްރެމަޓޯރިއަމްގައެވެ. މި ދެމަފިރިންގެ ދަރިއަކު ނެތް ނަމަވެސް، އެމީހުންގެ އާއިލާއަށް މި ހިތާމަވެރި ހަބަރު މިހާރު ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!