ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން އަންނަ އާދިއްތަ ދުވަހަށް ފަސްކޮށްފި ކަމަށް ހައުސިން މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުރިން މިއަދު ހުޅުވާލަން ނިންމާފައި އޮތް މި ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އަށް ފަސްކުރަން ނިންމީ ވަރަށް ގިނަ ބަޔަކު ކުރިމަތިލާނެ ކަމަށް ލަފާކުރެވޭތީއެވެ. އަދި ހަފްތާ ބަންދާ ދިމާކޮށް ހުޅުވާލުމުން ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ދިނުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ޖެހޭނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށެވެ.
މި ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެއިން ޖުމްލަ 7,900 ހައުސިން ޔުނިޓާއި 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓާއި 10,000 ގޯތި ހާއްސަކޮށްފައިވާއިރު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓާއި 3,000 ގޯތި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓާއި، އެކި ހާލަތްތަކާ ގުޅިގެން 2,000 އެއްހާ ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ފަހަރުގެ އުސޫލަށް ގެނައި މުހިންމު ބަދަލުތަކުގެ ތެރޭގައި، ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންނަށް، ދަރިން ތިބި މިންވަރަށް ބަލައި 3 ކޮޓަރީގެ ފްލެޓަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނަމަވެސް، ކޮންމެ މީހަކަށްވެސް ފޯމު ހުށަހެޅޭނީ ގޯތި ނުވަތަ ފްލެޓް، މިއިން ކޮންމެވެސް އެއް ސްކީމެއްގެ އެއް ކެޓަގަރީއަކަށެވެ.
ފްލެޓާއި ގޯއްޗަށް ކުރިމަތިލާ ފަރާތްތަކަކީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ވާންޖެހޭނެއެވެ. މި މުއްދަތު ބަލާނީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ހާއްސަ ހާލަތެއްގެ ސަބަބުން މާލޭގައި ދިރިއުޅުމަށް މެދުކެނޑުމެއް އައިސްފައިވާނަމަ، އެކަން ސާބިތުކޮށްދޭ ލިޔެކިޔުން ހުށަހަޅަން ޖެހޭނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ފޯމު ހުށައެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ އެޕްރީލް މަހުގެ 14 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!