ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް ވިލިމާލޭ އިންޖީނުގެއަށް ގެންދިޔަ އައު ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށައިފި ކަމަށް ސްޓެލްކޯ އިން ހާމަކޮށްފިއެވެ.

ސްޓެލްކޯ އިން އިއްޔެ ބުނީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވިލިމާލޭ އިންޖީނުގެއަށް ގެންދެވުނު 1،200 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް މިހާރު ކޮމިޝަންކޮށް ނިމި، އަމަލީ ގޮތުން ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

Ad
rt

މި ޖަނަރޭޓަރު ސެޓް ބޭނުންކުރަން ފެށުމާއެކު ވިލިމާލޭގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުވެގެންދާނެއެވެ. މީގެ ސަބަބުން އެ ރަށުގައި ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ޔަގީންކަން އިތުރަށް ކަށަވަރުކުރެވި، ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް ސްޓެލްކޯ އިން ފާހަގަކުރެއެވެ.

މާލެ ސަރަހައްދުގެ އިތުރުން ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ދެމުންދާ އެހެނިހެން ރަށްރަށުގައިވެސް ކަރަންޓު ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް އެ ކުންފުނިން މެދުކެނޑުމެއްނެތި ކުރަމުންދާކަން އެ ކުންފުނިން ވަނީ ބުނެފައެވެ.