ށ. މާއުނގޫދޫގައި ދަރިވަރުންނަށް އިމާމުކަން ދަސްކޮށްދިނުމަށް ''ފިއުޗަރ އިމާމް'' ޕްރޮގްރާމްގެ ނަމުގައި މުބާރާތެއް ފަށައިގެން ކުރިއަށް އެބަދެއެވެ.
މިއީ އެރަށު ކައުންސިލާއި، ޚިދުމަތް ޖަމްޢިއްޔާ، އުކުޅަސް ހޯޕް، ޖަމިއްޔަތުލް ޤަލަމް އަދި މަންފާ ޖަމްޢިއްޔާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މާއުނގޫދޫގެ ގްރޭޑް 5-10 އާއި ދެމެދު އަރަބި އަދި ދިވެހިބަސް ފަރިތަކޮށް ކިޔަން އިނގޭ ފިރިހެން ދަރިވަރުންނަށް އަމާޒުކޮށްގެންގެންދާ މި ޕްރޮގްރާމް ވަނީ މިދިޔަ އާދީއްތަ ދުވަހު ފަށާފައެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މި ޕްރޮގްރާމްގެ ބައިތަކުން ވަނަތައް ހާސިލްކުރާ ދަރިވަރުންނަށް ޚާއްޞަ އިނާމްދޭ ގޮތަށެވެ. އެ ބައިތަކަކީ، ބަންގިގޮވުން، ހުތުބާ ހުށަހެޅުން، ގަމަތްދިނުން، ނަމާދުކުރުން އަދި ފިގްޙް އިމްތިހާނެވެ.
މުބާރާތުން ހޮވާ ވަނަތައް:
- ބަންގިއާއި ގަމަތުން އެއްވަނަ، ދެވަނަ އަދި ތިންވަނަ
- ހުތުބާ ހުށަހެޅުމުން، އެއްވަނަ، ދެވަނަ އަދި ތިންވަނަ
- މުޅި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނަ
މާއުނގޫދޫ ކައުންސިލުން ބުނިގޮތުގައި މި މުބާރާތުގެ މަގްސަދަކީ އެންމެ ތުއްތުއިރުއްސުރެ ކުދިންގެ ހިތްތަކުގައި އިމާމްކަމަށް ލޯބިޖައްސައި، އެކަމުގެ ރޫޙް އަށަގަންނަވައި އެކަމުގެ ހުނަރުހުރު އެކަމަށް އަހްލުވެރި ކުދިންތަކެއް ބިނާކުރުމެވެ. އަދި ދަރިވަރުންގެ ހިތުގައި އިމާމުކަމަށް ލޯބި އިތުރުކޮށް ހިތް ޖެއްސުމަކީ ވެސް މަގްޞަދެކެވެ.
މިއީ އެެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!