ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަމާހު ރަޝީދު އެ މަގާމުން ވަކިކޮށް، ކުންފުނި ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރުއާ ހަވާލުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަން ބޯޑުން (ޕީސީބީ) މިއަދު ވަނީ ޝަމާހު މަގާމުން ވަކިކުރިކަން ކަށަވަރުކޮށްދީފައެވެ.

Ad
rt

ޝަމާހު ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވީ، އޭނާ ކުރިން ހުންނެވި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވަކިކުރެއްވުމަށްފަހުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޝަމާހު މީގެ ކުރިން މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް، ކުންފުނި ހިންގުމުގެ ތެރޭގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކަކާ ގުޅިގެން ސަސްޕެންޑް ކުރުމަށްފަހު ވަނީ އެ މަގާމުން ވަކިކޮށްފައެވެ.

ސްޓެލްކޯ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވި އަލީ އަޒްވަރު ވަނީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ކުންފުނީގެ އިދާރީ ބައެއް ބަދަލުތައް ގެންނަވަން ފަށްޓަވާފައެވެ. އެގޮތުން، ކުންފުނީގެ ޕްރޮކިއުމަންޓްގެ ވެރިޔާގެ މަގާމުގައި ހުންނެވި ބޭފުޅާ މިހާރު ވަނީ މަގާމުން ވަކިކުރައްވާފައެވެ.

ޕްރޮކިއުމަންޓްގެ އާ ވެރިޔަކަށް މިހާރު ހަމަޖައްސާފައިވަނީ ކުރިން ބިއުރޯ ހެޑްގެ މަގާމުގައި ހުންނެވި އަސްފާ ހުސައިން އެވެ.