ދަރުމަވަންތަ ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ކުއްޖަކު އުފަންވެއްޖެއެވެ.

މިއީ ރާއްޖޭގައި ދަރިމައިވުމުގެ ޞިއްޙަތާ ގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލުން ވަނީ ސިފަކޮށްފައެވެ.

Ad
rt

ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، މި ތާރީޚީ ކާމިޔާބީއަކީ ރާއްޖޭގެ ދަރިމައިވުމުގެ ޞިއްޙަތާ ގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު ބޮޑު އުއްމީދެއް ކަމަށެވެ. އަދި މި މަސައްކަތުގައި ޝާމިލްވި ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގެ ޓީމަށާއި އެހެނިހެން ޑިޕާޓްމަންޓުތަކުން ވެދެއްވި އެހީތެރިކަމަށްޓަކައި އޭނާ ވަނީ ޝުކުރާއި މަރުޙަބާ ދަންނަވާފައެވެ.

"މި ފުރުޞަތުގައި، މި މަސައްކަތުގައި ޝާމިލްވި މި ހޮސްޕިޓަލުގެ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގެ ޓީމަށާއި އެޓީމަށް ތަފާތު ގޮތްގޮތުން އެހީތެރިވި އެހެނިހެން ޑިޕާޓްމަންޓުތަކަށް ޝުކުރާއި މަރުޙަބާ ދަންނަވަން. އެބޭފުޅުންގެ މިންނެތް މަސައްކަތަށް އަޅުގަނޑުމެން ފަޚުރުވެރިވަން،" ހަލީމް ވިދާޅުވިއެވެ.

ހަލީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އައިވީއެފްގެ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ ދިވެހި އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން އުފުލަންޖެހުނު ބޮޑު ތަކުލީފެކެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް 15 ނޮވެންބަރު 2024 ގައި ހުޅުވުނު މި ސެންޓަރުގެ ސަބަބުން އެ ތަކުލީފުތަކަށް ދާއިމީ ހައްލެއް ލިބިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިޖީއެމްއެޗުން ބުނެފައިވާ ގޮތުގައި، އައިވީއެފް މެދުވެރިކޮށް އުފަންވި ދަރިފުޅާއި މަންމަގެ ހާލުވެސް މިހާރު ރަނގަޅެވެ.

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، މިހާރު އާސަންދަ މެދުވެރިކޮށް މި ޚިދުމަތް މުޅިން ހިލޭ ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ދަރިމައިވުމުގެ ފަރުވާގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.