"ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި "ސަސްޓެއިނަބަލް ޓައުންޝިޕް" އެއްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް (އެސްއީޒެޑް) ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
މި ޒޯނަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށްގެން އުފެއްދި ސަރަހައްދެކެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ކްރިސްޓަލް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓްސްއާ ދެމެދު މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ. މި އެސް.އީ.ޒެޑްގައި އިންވެސްޓް ކުރެވޭނެ އެންމެ ކުޑަ އަދަދު ކަނޑައަޅާފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް ގެނެވުނު ފުރަތަމަ އިސްލާޙާއި، މިއަހަރުގެ ޖަނަވަރީ މަހު ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގެ ދަށުންނެވެ.
މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާނެ މުހިންމު ކަންތައްތައް
"ޕްރޮޖެކްޓް އައިލާ" ގެ ދަށުން ތަރައްޤީކުރާ މި ޒޯނުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި ލަގްޒަރީ ވިލާ އާއި ހައި-އެންޑް ހޯމްސް ހިމެނޭ ރިއަލް އެސްޓޭޓް މަޝްރޫޢުތަކާއި، ބައިނަލްއަގުވާމީ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއްގެ އިތުރުން ހޮސްޕިޓަލިޓީ ދާއިރާއިން ތަމްރީނުދޭ މަރުކަޒެއް ހިމެނެއެވެ. މީގެ އިތުރުން އަލްޓްރާ ލަގްޒަރީ ރިޒޯޓްތަކާއި މެރީނާއެއްވެސް މި ޒޯނުގައި ޤާއިމުކުރެވޭނެއެވެ.
ތިމާވެއްޓާ ރައްޓެހި ގޮތަކަށް މި ޒޯން ބައްޓަންކުރުމަށްޓަކައި، ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތަ ކަމުގައިވާންޖެހެއެވެ. އަދި ކުނި މެނޭޖްކުރުމަށް ސެލްފް-ސަފިޝިއަންޓް އިންފްރާސްޓްރަކްޗަރެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރާއްޖެއަށް އިމްޕޯޓްކުރާ ކާބޯތަކެތި މަދުކުރުމަށްޓަކައި ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗަރުގެ ވަސީލަތްތައް މި ޒޯނުގައި ތަރައްޤީކުރެވޭނެއެވެ.
މި ޒޯނުގައި ދިރިއުޅޭ ފަރާތްތަކަށާއި މުވައްޒަފުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަކީވެސް މި މަޝްރޫޢުގެ ބައެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި މި ޒޯނަށް ކަނޑައެޅިފައިވާ ޚާއްޞަ އިނާޔަތްތަކާއި، ވިޔަފާރި އާމްދަނީން ޓެކްސް ނެގޭނެ އުސޫލުތަކުގެ އިތުރުން ޒޯންގެ ޗާޓުވެސް ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!