މުޖުތަމަޢުގައި ފެތުރެމުންދާ ފާޙިޝް ކަންކަން ހުއްޓުވުމަށްޓަކައި ރައްޔިތުންނާއި، މުޖުތަމައުގެ އެންމެންގެ ނިޔަތާއި ޢަމަލުތަކާއި ޚިޔާލު އެއްގޮތްވާންޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، ހުއްދަ ނަގާފައިވާ ވިޔަފާރިތަކުގެ ނަމުގައި ފާޙިޝް ޢަމަލުތައް ހިންގަމުންދާ މަސާޖު ޕާލާތައް ބަންދުކުރުމަށް 9 ޑިސެންބަރު 2025 ގައި ފެށި ޚާއްޞަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މި އޮޕަރޭޝަންގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ބަންދުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މިފަދަ ތަންތަން މުޖުތަމަޢުގައި ހިނގަމުންދަނީ އެފަދަ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބުމުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއީ ހިތާމަޔާ އެކީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމަށެވެ. އަދި މިފަދަ ނުރަނގަޅު އާދަތައް މުޖުތަމަޢުން ފޮހެލެވޭނީ ހަމައެކަނި ސަރުކާރުގެ މަސައްކަތުން ނޫންކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
"މުޖުތަމަޢުން ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކުރެވޭނީ، މުޖުމަތަޢުގެ ޙާލަތު ބަދަލު ކުރެވޭނީ، ޢާއްމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި ޢަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން، އެންމެންގެ ޚިޔާލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން" ރައީސް އިތުރަށް ވިދާޅުވެފަވެއެވެ.
ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާޙިޝް ޢަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް 9 ޑިސެންބަރު 2025 ގައި ފެށި އޮޕަރޭޝަން ގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ވަނީ ބަންދުކުރެވިފައި.
މިފަދަ ތަންތަން ހިނގަމުންދަނީ މިފަދަ…
— Dr Mohamed Muizzu (@MMuizzu) December 31, 2025
ސަރުކާރުން ފަށާފައިވާ މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކާއި، އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
އަޅުގަނޑުމެންނަކީ ފާޙިޝް ކަންކަމާއި އެންމެހާ މުންކަރާތްތަކަށް ނޫނެކޭ ބުނާ ބަޔަކަށްވުމަށް ރައީސްގެ ޕޯސްޓްގައި ވަނީ އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!