ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ބާއްވާ ލިސްޓަށް ހދ. ހަނިމާދޫ އިތުރުކޮށްފިއެވެ.
އެމްޑީޕީން އިއްޔެ ވަނީ އެ ޕާޓީގެ ޓިކެޓްގައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ކުރިމަތިލި ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު ނެރެފައެވެ. އިއްޔެ ނެރުނު ލިސްޓްގައިވާގޮތުން ބޮޑު ތިލަދުންމަތީގައި ޕްރައިމަރީ އޮންނަނީ ހަތަރު ރަށެއްގައެވެ. އެއީ، ހއ.ދިއްދޫ، ފިއްލަދޫ، ހދ. ނެއްލައިދޫ އަދި ފޯކައިދޫ ގައެވެ.
ނަމަވެސް މި ލިސްޓަށް މިއަދު ވަނީ ހދ. ހަނިމާދޫ އިތުރުކޮށްފައެވެ. ހަނިމާދޫގައި އެމްޑީޕީގެ ޕްރައިމަރީ ބާއްވަނީ ކައުންސިލް ރައީސަށް ވާދަކުރާ ކެންޑިޑޭޓެއް ކަނޑައެޅުމަށެވެ. މިލިސްޓްގައިވާގޮތުން ދެ މީހަކު ވަނީ އެމްޑީޕީގެ ޓިކެޓްގައި ހަނިމާދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލުމަށް ޓިކެޓް ހޯދުމަށް އެދިފައެވެ. އެއީ ކައުންސިލްގެ މިހާރުގެ ރައީސް އަބުދުއްސައްތާރު ހަސަނާއި، ކައުންސިލްގެ މިހާރުގެ މެމްބަރު އަލީ އިބްރާހީމެވެ.
އެމްޑީޕީގެ ޓިކެޓްގައި ހަނިމާދޫ ކައުންސިލަށް ވާދަކުރުމަށް ޓިކެޓް ކަށަވަރު ވެފައިވާ މީހުންގެ ތެރޭގައި މިހާރުގެ ކައުންސިލްގެ އިތުރު ދެ މެމްބަރަކު ހިމެނެއެވެ. އެއީ ކައުންސިލްގެ މިހާރު ނައިބު ރައީސް ފިރާގް މުހައްމަދާއި، ކައުންސިލް މެމްބަރު ހާރިޘާ މުހައްމަދެވެ. ހާރިޘާ ފިޔަވައި އަނެއް އަބުދުއްސައްތާރާއި، ޢަލީ އަދި ފިރާގަކީ މިހާރު ވެސް އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް ދައުރު އަދާކުރަމުންދާ މެމްބަރުންނެވެ. ހާރިޘާ މި ކައުންސިލްގެ ދައުރުގައި އިންތިޚާބުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައެވެ.
އަންނަ އޭޕްރީލް 4 ގައި ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލު އިންތިހާބު އަދި އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުކުރާނީ، ކޮންމެ ތަނަކަށް 681 މީހުންނެވެ. އެއީ، ދެ އިންތިހާބުގައި ޖުމްލަ 1،362 މީހުންނެވެ.
އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 16 ގައި ބާއްވަން ނިންމާފައިވާއިރު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕްރައިމަރީ އިއްޔެ ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!