ޗޮކްލެޓް ސިރަޕް ފުޅިތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަތީ 2025 ޑިސެންބަރު 25 ވަނަ ދުވަހު ކަސްޓަމްސް އިން ބަލައިފާސްކުރި މުދާތަކެއްގެ ތެރެއިންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ޢާފިޔާ، އަޙްމަދު ޢަލީ (47އ) އާއި މާލެ، ގ. އުފްރިޔާ، މުޙައްމަދު ޢާދިލް (57އ) އެވެ. މީގެ ތެރެއިން އަޙްމަދު ޢަލީ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 26 ވަނަ ދުވަހުއެވެ. އަދި މުޙައްމަދު ޢާދިލް ހައްޔަރުކުރީ އޭގެ އަނެއް ދުވަހު ކަމަށްވާ ޑިސެންބަރު 27 ގައެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކަސްޓަމްސް އިން ބުރާސްފަތި ދުވަހުގެ ރޭ އަތުލައިގަތް މި ތަކެއްޗަކީ ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް އެވެ. އެ އިދާރާ އިން ބުނި ގޮތުގައި، ޝައްކު ކުރެވިގެން އެ ފުޅިތައް ސްކޭންކޮށް، ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު ވަނީ ހަޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައެވެ.
މި މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ޖުމްލަ 10 ފޮށިގަނޑެއްގައި ބަންދުކޮށްގެންނެވެ. ކަސްޓަމްސް އިން އެ ތަކެތި ޓެސްޓު ކުރަމުންދިޔަ މަންޒަރުތައް ރޭގެ ވަގުތެއްގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ވަނީ ވަގުތުން ދައްކާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!