މާލޭގެ ގެއެއްގެ ތިން ފަންގިފިލާ ކުއްޔަށް ނަގައިގެން ބަނގުރާ ކައްކައި، އޭގެ ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީއަކު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ އައު އަހަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ރިވެލި" ގެ ދަށުން ހިންގި ހަރަކާތެކެވެ.

Ad
rt

ފުލުހުން މިއަދު ހާމަކުރި ގޮތުގައި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެ ރައްޔިތުންނެވެ.

އެއީ މޮހަންދާސް ރަޖެންދިރަން (22އ) އަދި ބަލަސުބްރަމަނިޔަން ސެލަމް (41އ) އެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ 2025 ޑިސެންބަރު 25 ވަނަ ދުވަހު މާލޭގެ ގެއެއް ބަލައިފާސްކުރުމަށްފަހުގައެވެ.

ފުލުހުން ބުނީ މި ދެމީހުން ދިރިއުޅުމަށް ކުއްޔަށް ހިފާފައިވާ އެ ގޭގެ ތިން ފަންގިފިލާއެއް ބަލައިފާސްކުރިއިރު، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނާއި ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވާ ކަމަށެވެ.

އެތަނަކީ ފުޅާ ދާއިރާއެއްގައި ބަނގުރާ ކައްކައި، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދިޔަ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެ މީހުން މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކޮށްލުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.