ދިވެހިރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤައުމީ ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީއާއި ޤައުމީ ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ބާރސެލޯ ނަސަންދުރައިގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސްޓެރެޓެޖީތައް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، ވުޒާރާތަކުގެ އިސްވެރިންގެ އިތުރުން މާލީ އިދާރާތަކުގެ ވެރިންނާއި އެމްއެމްއޭގެ ޑިވެލޮޕްމަންޓް ޕާޓްނަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދެ ސްޓެރެޓެޖީގެ މައިގަނޑު މަޤްސަދަކީ މާލީ ނިޒާމުގެ ތެރެއިން ލިބެންހުރި ޚިދުމަތްތައް ފުޅާކޮށް، ޚިދުމަތް ލިބޭނެ މަގު ފަހިކުރުމެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި މޫސުމީ ކާރީސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި މާލީ ދާއިރާގެ ދައުރު ފުޅާކުރުމަކީވެސް މި މަސައްކަތުގެ މުހިންމު ބައެކެވެ. މިއީ ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިޞާދީ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވައިދޭނެ ކަމެކެވެ.
ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ ނުވަތަ މާލީ ބައިވެރިވުމާ ގުޅޭ ސްޓްރެޓެޖީއަކީ މާލީ ހިދުމަތްތަކަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށް، އެ ހިދުމަތްތައް ބޭނުންކުރުން އިތުރުކުރުމަށް އެކުލަވާލާފައިވާ ޕްލޭނެކެވެ. މި ސްޓްރެޓެޖީގެ ދަށުން މާލީ ނިޒާމުގައި ފުރިހަމައަށް ބައިވެރިވުމަށް ބޭނުންވާ ވަސީލަތްތަކާއި، މައުލޫމާތާއި، އިތުބާރު ފަރުދުންނާއި ވިޔަފާރިތަކަށް ހޯދައިދިނުމަށް މަސައްކަތް ކުރެވޭނެއެވެ.
ޚާއްސަގޮތެއްގައި އަންހެނުންނާއި، ޒުވާނުންނާއި، ދޮށީ އުމުރުގެ މީހުންގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މި ސްޓެރެޓެޖީގައި އިސްކަންދީފައިވެއެވެ. މީގެ އިތުރުން މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ހޯދާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކުރުމަކީވެސް މި ސްޓްރެޓެޖީގެ މުހިންމު އަމާޒެކެވެ.
މިއަދު އިފްތިތާހު ކުރެވުނު މި ދެ ސްޓްރެޓެޖީއަކީ ރާއްޖޭގެ މާލީ ނިޒާމު ތަރައްޤީކޮށް އިތުރަށް ފުޅާކުރުމުގެ އެޖެންޑާގެ ދަށުން އެޅިގެންދިޔަ މުހިންމު ބިންގަލެކެވެ. މީގެ ސަބަބުން އެންމެން ބައިވެރިވާ، ހަރުދަނާ އަދި ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެއްބާރުލުންދޭ މާލީ ނިޒާމެއް ބިނާވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!