ރާއްޖެ އެތެރެކޮށް ވިއްކުން މަނާ، ވޭޕް ކާޓްރިޖްތަކެއް ފުލުހުން ހޯދައި އެ މައްސަލައާ ގުޅިގެން ދެ މީހަކު ޖޫރިމަނާކޮށްފިއެވެ.
މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް ހިންގި މި އޮޕަރޭޝަންގައި 442 ވޭޕް ކާޓްރިޖް އާއި ދެ ކާޓޫން ސިނގިރޭޓްގެ އިތުރުން ޝީޝާ ޕަފް އާއި ވޭޕްއާ ގުޅުންހުރި އެހެނިހެން ތަކެތި ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ދެ މީހަކު ޖޫރިމަނާކޮށްފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން މަނާކުރީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ. މި އިސްލާހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މި އިސްލާހާއެކު، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކުރުމާއި ވިއްކުން ވަނީ މުޅިން މަނާކޮށްފައެވެ.
ގާނޫނަށް ގެނައި ބަދަލުތަކުގެ ދަށުން، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް އެތެރެކޮށްފި ނަމަ 50,000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެތެރެކުރި ކޮންމެ އާލާތަކަށް 10,000ރ. ގެ މަގުން އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ. މީގެ އިތުރުން ވޭޕް ވިއްކާ ފަރާތްތައް 20,000ރ. އިން ޖޫރިމަނާކޮށް، ވިއްކި ކޮންމެ ވޭޕަކަށް 10,000ރ. ގެ ޖޫރިމަނާއެއް އަންނާނެއެވެ. ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5,000ރ. އިން ޖޫރިމަނާ ކުރުމަށްވެސް ގާނޫނުގައި ކަނޑައަޅާފައިވެއެވެ.
މި ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމުގެ ގާނޫނީ އުމުރުވެސް ވަނީ 18 އަހަރުން 21 އަހަރަށް ބަދަލުކޮށްފައެވެ. ފުލުހުން ދަނީ މިހާރު ފެނުނު ވޭޕް ކާޓްރިޖްތަކުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!