ހުޅުމާލެ ފޭސް 2ގައި އަލަށް އިމާރާތްކޮށް ނިމިފައިވާ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އިއްޔެ ވިދާޅުވެއްޖެއެވެ.

މި މިސްކިތުގެ ނަމަކީ ''މަސްޖިދުލް އީމާން'' އެވެ.

Ad
rt

ޝަހީމް ވިދާޅުވިގޮތުގައި މި މިސްކިތް ހުޅުވާނީ އަންނަ ހުކުރު ދުވަހު ހުކުރު ނަމާދަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވާގޮތުގައި މި މިސްކިތަކީ 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ތިން ފްލޯގެ މި މިސްކިތަކީ ހެޔޮއެދޭ ފަރާތެއްގެ ދީލަތި އެހީގައި ބިނާކޮށްދީފައިވާ މިސްކިތެކެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ނޮވެމްބަރު މަހު ވަނީ ރަމަޟާން މަހުގެ ކުރިން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންދާ ފަނަރަވަރަކަށް މިސްކިތުގެ މަސައްކަތް ނިންމޭނޭކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ޑިސެންބަރު މަހު ފައްޓަވާނޭކަން ވެސް ހާމަކުރައްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މަޤްޞަދަކީ، ރާއްޖޭގައި އިސްލާމީ އެއްބައިވަންތަކަށް ޤާއިމުކޮށް، އިސްލާމީ ޘަޤާފަތާއި ނޫރު ފެތުރުވުމެވެ.