ހއ. ހޯރަފުށީގައި ގަވާއިދާ ޚިލާފަށް ކުނިއުކާ ފަރާތްތައް ސީސީޓީވީގެ އެހީގައި ނުވަތަ އޮންލައިން މޮނިޓަރކުރާ ފަރާތްތަކުގެ އެހީގައި ދެނެގަނެ ފިޔަވަޅުއަޅާނެކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ހޯރަފުށީ ކައުންސިލުން ބުނީ، އެރަށުގައި ގަވާއިދާ ޚިލާފަށް ކުނިއުކާ ފަރާތްތައް ސީސީޓީވީ ކެމެރާ ނުވަތަ އޮންލައިން މޮނިޓަރކުރާ ފަރާތްތަކުން ހުށަހަޅާ ހެކިތަކަށްބަލައި އެ ފަރާތްތަކު ވީޑިއޯ އާންމުކުރާނެކަމަށެވެ.

Ad
rt

މީގެ އިތުރުން އެފަދަ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ ދަށުން ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް އެ ކައުންސިލުން ބުނެފަވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ ދަށުން، ކައުންސިލަށް ދެވިފައިވާ ބާރަކާގުޅިގެން، ކައުންސިލުންކުރާ އަމުރަކަށް ނުކިޔަމަންތެރިވާ ފަރާތަކަށް އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑު މިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔާ އާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރެވިދާނެކަމަށް އެ ޤާނޫނުގައި ބުނެފައިވެއެވެ.

ހޯރަފުށީ މަގުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމުގެ ފުރަތަމަ ފިޔަވައްސަށްފަހު، ދެވަނަ ފިޔަވައްސެއް ހިންގުން އެ ރަށު ކައުންސިލުން ވަނީ މި އަހަރުގެ ޖޫންމަހު މަސައްކަތް ފަށާފައެވެ.

ހޯރަފުއްޓަކީ ތަރައްގީގެ ގޮތުން މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާ، ސާފުތާރިރުކަމަށް އިސްކަންދޭ ރަށެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.