މަރުވެފައި އޮއްވާ އިއްޔެ ކަނޑުމަތިން ފެނުނު މީހާ އަކީ ޗައިނާގެ ރައްޔިތެއްކަމަށް ފުލުހުން ބުނެފިއެވެ.
ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިގެން އިއްޔެ ރިޕޯޓްކޮށްފައިވާކަން ފުލުހުން އިއްޔެ ވަނީ ހާމަކޮށްފައެވެ. އަދި އެމީހާގެ ހަށިގަނޑު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
މި ހާދިސާގެ އަޕްޑޭޓް ދެމުން ފުލުހުން މިއަދު ބުނީ، މަރުވެފައި އޮއްވާ ފެނިފައިވަނީ ޗައިނާ ރައްޔިތެއްކަމަށްވާ ޗެންގް ޖިއާ (38އ) ކަމަށެވެ.
މިމީހާ ކަނޑަށް ވެއްޓިފައިވަނީ 2025 ޑިސެންބަރު 18 ވަނަ ދުވަހުގެ 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައިކަން އެނގިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
‘’މީހާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތްކޮށްފައިވޭ. އަދި އެވަގުތު މީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތު ދީ މީހާ ހޯދުމުގެ މަސައްކަތްކޮށް، ކޯސްޓްގާރޑަށް އެކަމުގެ މައުލޫމާތު ދީފައިވާކަން ވަނީ އެނގިފައި.’’ ފުލުހުން ބުންޏެވެ.
ކޯސްޓްގާރޑުން މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ އިއްޔެ 13:32 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!