ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ރަމަޟާން މަހުގެ ކުރިން ދީ ނިންމަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް ވަނީ ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގެ ސިލްސިލާ ބައްދަލުވުންތަކެއް ބުދަ ދުވަހުގެރޭ ފައްޓަވާފައެވެ. މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ޚާއްޞަކުރެއްވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
މިގޮތުން މާލޭ ސޯޝަލް ސެންޓަރުގައި އެ ވިޔަފާރިވެރިންނާއި ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ހުށަހެޅުއްވި ޚިޔާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މި ބައްދަލުވުމުގައި ވިޔަފާރިވެރިން ހުށަހެޅި ކަންބޮޑުވުންތަކުގެ ތެރޭގައި ޖުމުލަ ގޮތެއްގައި އެންމެ ގިނަ ވިޔަފާރިވެރިން ހުށަހެޅުއްވި ކަންބޮޑުވުންތަކުގެ ތެރޭގައި ސަރުކާރުން ލިބެންޖެހޭ ފައިސާ ލިބުން ލަސްވުން ހިމެނެއެވެ. އަދި ފައިސާ ލަސްވުމުގެ ސަބަބުން ޓެކްސް ދެއްކުމުގައި ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ވެސް އެދުނެވެ.
މިވާހަކަތައް އަޑުއެއްސެވުމަށްފަހު ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާގެ ކަންކަމަށް އިޝާރާތްކުރައްވާ އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ މިމަސް ނިމުމުގެ ކުރިން ވީހާވެސް ގިނަބަޔަކަށް ފައިސާ ދޫކުރަން ކަމަށެވެ. އަދި ރަމަޟާން މަހުގެ ކުރިން ހުރިހާ ފައިސާއެއް ދައްކާ ނިންމަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.
ރައީސުލްޖުމްހުރިއްޔާ ވަނީ ވިޔަވާރިވެރިން ހުށަހެޅުއްވި ކަންކަމުގެ ތެރެއިން ވަކިވަކި ކަންކަމަށް އިޝާރާތް ނުކުރެއްވި ނަމަވެސް ކޮންމެ ޚިޔާލަކާއި މަޝްވަރާއަށް ގާނޫނާއި ހެދިފައިވާ އުސޫލުތަކުގެ ތެރެއިން ވިޔަފާރިތަކަށް އާރޯކަން ގެނެސްދެއްވުމަށް ކޮށްދެވެން އޮތް އެންމެ ރަނގަޅު ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!