ރާއްޖޭގެ ކޮމިއުނިޓީ ބެސްޑް ޓޫރިޒަމް (ގެސްޓްހައުސް ޓޫރިޒަމް) އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމުގެ މަޤްޞަދުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ ފުޅާ ދާއިރާއެއްގައި ސަރވޭއެއް ފަށައިފިއެވެ.
މި ސަރވޭއަކީ ގެސްޓްހައުސް ދާއިރާގެ ކުރިމަގަށް ބޭނުންވާ މުހިއްމު މައުލޫމާތުތައް އެއްކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.
ފަތުރުވެރިކަމާއި ވުޒާރާއިން ބުނިގޮތުގައި މި ސަރވޭގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަށް އެހީތެރިވުމެވެ. އަދި ގެސްޓްހައުސްތަކުން ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަކީ ވެސް މި ސަރވޭގެ މުހިއްމު ބައެކެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ސަރވޭގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު 4 ވަނަ ދުވަހުއެވެ. އަދި މި މަސައްކަތް ޑިސެމްބަރު 27 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.
މައުލޫމާތު އެއްކުރަމުންދަނީ ގެސްޓްހައުސް ހިންގާ ފަރާތްތަކާއި، އެ ރަށްރަށުގެ ރައްޔިތުންނާއި، އަދި އެ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ފަރާތުންނެވެ.
މިހާތަނަށް މި ސަރވޭގެ މަސައްކަތް ވަނީ ހުޅުމާލެ، ކ. މާފުށި، އަދި ކ. ދިއްފުށީގައި ނިމިފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އއ. ތޮއްޑޫ، އދ. ދިގުރަށް، ވ. ކެޔޮދޫ، ބ. ފުޅަދޫ، އަދި ބ. ފެހެންދޫގައި ވެސް މި ސަރވޭ ކުރިއަށްދާނެ ކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
މި ސަރވޭގެ ނަތީޖާއިން ގެސްޓްހައުސް ޓޫރިޒަމް ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނައުމަށް ސިޔާސަތު އެކަށަހަޅަން ބޭނުން ހިފިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!