އޮސްޓްރޭލިޔާގެ ސިޑްނީގެ ބޮންޑީ ބީޗުގައި ދިން ނިރުބަވެރި ޙަމަލާ ދިވެހި ސަރުކާރުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ލާއިންސާނީ ޙަމަލާގައި ބަޔަކު މަރުވެ، އެއްވެސް ކުށެއް ނެތް ގިނަ ބަޔަކަށް އަނިޔާ ލިބިފައިވާއިރު، މިފަދަ ޢަމަލުތަކަކީ ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫންކަމަށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ.

Ad
rt

ޚާރިޖީ ވުޒާރާގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހި ސަރުކާރުން ވަނީ މި ޙަމަލާގައި މަރުވި މީހުންގެ ޢާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ. އަދި ޙަމަލާގައި ޒަޚަމުވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކޮށްފައިވެއެވެ.

މި ޙަމަލާގެ ސަބަބުން އޮސްޓްރޭލިޔާއަށް ލިބުނު ހިތާމައިގައި ދިވެހި ރައްޔިތުންނާއި ސަރުކާރުން އެ ޤައުމާއެކު އެކުގައި ތިބިކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ހުރިހާ ބާވަތެއްގެ ނިރުބަވެރި ހަރަކާތްތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢާއެކު މަސައްކަތްކުރުމުގެ ކަށަވަރުކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.

ރިޕޯޓްތައް ބުނާގޮތުން މި ޙަމަލާގައި ޖުމްލަ 16 މީހުން މަރުވެފައިވާއިރު، 10 އާއި 87 އާއި ދެމެދު މީހުން ވަނީ ޒަޚަމުވެފައެވެ.

މި ހަމަލާ ދީފައި ވަނީ ޔަހޫދީންގެ ފެސްޓިވަލް ފެށުން ފާހަގަކުރުމަށް ބޭއްވި ''ޗަނޫކާ ބައި ދަ ސީ'' ނަމަކަށް ކިޔާ އިވެންޓެއްގެ ތެރެއަށެވެ.

މި ލާއިންސާނީ ޙަމަލާ ދީފައިވަނީ 50 އަހަރުގެ ބައްޕައަކާއި އޭނާގެ 24 އަހަރުގެ ދަރިފުޅަކާ ދެ މީހުން ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ހާމަކޮށްފައެވެ.