އޮސްޓްރޭލިއާގެ ސިޑްނީގެ މަޝްހޫރު ބޮންޑީ ބީޗްގައި ބަޑިން ދިން ނުރައްކާތެރި ހަމަލާއެއްގައި މަރުވި މީހުންގެ ޢަދަދު 16 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ކަށަވަރުކޮށްދީފިއެވެ.

މި ހަމަލާގައި ޒަޚަމްވި 40 މީހުން މިހާރުވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންނެވެ. އޮފިޝަލުން ބުނެފައިވާގޮތުގައި މަރުވި މީހުންގެ ތެރޭގައި ދެ ފުލުސް އޮފިސަރުންނާއި މަދުވެގެން އެއް ކުޑަކުއްޖަކު ހިމެނެއެވެ.

Ad
rt

މި ހަމަލާއަކީ “ޓެރަރިސްޓް” ހަމަލާއެއް ކަމަށް އޮސްޓްރޭލިއާ އިން ވަނީ ކަނޑައަޅާފައެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ''ހަނޫކާގެ ފުރަތަމަ ދުވަހު ސިޑްނީގެ ޔަހޫދީ މުޖުތަމަޢަށް'' ކަމަށް ވަނީ ލަފާކޮށްފައެވެ. ހަމަލާ ދިން އިރު، ޔަހޫދީންގެ ފެސްޓިވަލް ފެށުން ފާހަގަކުރުމަށް ބޭއްވި ''ޗަނޫކާ ބައި ދަ ސީ'' ނަމަކަށް ކިޔާ އިވެންޓެއްގައި ސަތޭކަ އަށް ވުރެ ގިނަ މީހުން ބީޗްގައި އެއްވެފައި ތިއްބެވެ.

ހަމަލާދިން މީހުންގެ ތެރެއިން އެކަކު ކަމަށް ބެލެވޭ ފިރިހެނަކު ވަނީ މަރާލާފައެވެ. އަދި ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެވަނަ މީހާގެ ހާލު ސީރިއަސްކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާގެ ވީޑިއޯއިންފެންނަ ގޮތުގައި، ''ހީރޯ'' ފިހާރައިގެ ވެރިޔާ އަޙްމަދު އަލް އަޙްމަދު ކަމަށް ބެލެވޭ މީހަކު ވަނީ ހަމަލާދިން މީހުންގެ ތެރެއިން އެކެއްގެ އަތުން ހަތިޔާރު އަތުލާފައެވެ.

އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތޮނީ އަލްބަނީޒް ވަނީ މި ހަމަލާ ކުށްވެރިކުރައްވާ، މި ނުރައްކާތެރި ޢަމަލަކީ ''ވިސްނުމަށް ވެސް ނާންނަ'' ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ހަމަލާއަކީ ޔަހޫދީ މުޖުތަމަޢުގެ އިވެންޓަކަށް އަމާޒުކޮށް ދިން ''ޓެރަރިސްޓް'' ހަމަލާއެއް ކަމަށް ވެސް އޭނާ ވަނީ އިޢުލާނު ކުރައްވާފައެވެ. ނިއު ސައުތު ވޭލްސްގެ ފުލުހުން ބުނާ ގޮތުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ބަޑިން ހަމަލާދިން ދެ މީހުން ދިން ހަމަލާތަކުގެ ސަބަބުން 16 މީހުން މަރުވެފައިވާކަމަށް ވަނީ ކަށަވަރު ކުރެވިފައެވެ.

މި ހަމަލާއާ ގުޅިގެން ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ވަނީ ބަޔާނެއް ނެރެ އެކަން ކުށްވެރިކޮށްފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ''އިންސާނީ އަޚްލާޤާ ޚިލާފުވާ، ހަމަލާދިނުމާއި، ޓެރަރިޒަމް އަދި ހައްދުފަހަނައަޅާ ދިއުމުގެ ހުރިހާ ކަމަކަށް ދެކޮޅު ހަދާ'' ކަމަށެވެ. އަދި ''ރަޙްމަތްތެރި އޮސްޓްރޭލިއާއަށް'' ފުރިހަމަ އެއްބައިވަންތަކަން ފާޅުކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.