ހުޅުމާލޭގައި ކަރަންޓްގެ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު ފަރުވާދެނިކޮށް މިއަދު ނިޔާވެއްޖެ އެވެ.
މިދިޔަ ނޮވެމްބަރު 26 ގައި ހުޅުމާލޭ އިންޖީނުގޭގައި ހިނގި މި ހާދިސާގައި އެ މުވައްޒަފުގެ ގައިގެ އެކި ތަންތަން ފިހި ސީރިއަސް އަނިޔާތަކެއް ލިބުނެވެ.
އޭނާ އަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ހަމަ އެދުވަހު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އަދި އޭނާ އިތުރު ފަރުވާ އަށް މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހުގެ ރޭ ވަނީ ތައިލެންޑަށް ގެންގޮސްފައެވެ.
އޭނާ ނިޔާވީ ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެނިކޮށެވެ. އޭނާ އަކީ ސްޓެލްކޯގެ ސްޕަވައިޒަރެއްގެ މަގާމުގައި ހުރި މުވައްޒަފެކެވެ.
ނިޔާވި ސްޓެލްކޯގެ މުވައްޒަފަކީ އި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް އެވެ. ސްޓެލްކޯއިން ބުނިގޮތުގައި އޭނާ އަކީ 21 އަހަރަށްވުރެ ގިނަ ދުވަހު އެ ކުންފުނީގައި ޚިދުމަތްކޮށްފައިވާ މުވައްޒަފެކެވެ.
އަނިޔާވި ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކް ހޮސްޕިޓަލަށް
އަޒްމީލް ނިޔާވުމުގެ ހިތާމާގައި ސްޓެލްކޯއިން ވަނީ ބައިވެރިވެ ޢާއިލާ އާއި އެކުވެރިންނަށް ތައުޒިޔާ ފޮނުވާފައެވެ.
ހާދިސާ ހިނގި ދުވަހު ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އަނިޔާވި މުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރީކަމަށް ވެސް އެ ދުވަހު އެ ކުންފުނިން ބުނެފަވެއެވެ.
މީގެ އިތުރުން، މި ހާދިސާގެ މިނިވަން ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް ސްޓެލްކޯއިން ދެމުންދާނެ ކަމަށް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!