ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނިޔާވި ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފު، އިތުރު ފަރުވާއަށް ތައިލެންޑަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
ސްޓެލްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ހުޅުމާލޭ އިންޖީނުގޭގައި ހިނގި މި ހާދިސާގައި އެ މުވައްޒަފުގެ ގައިގެ އެކި ތަންތަން ފިހި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދެވުނީ ހުޅުމާލެ ހޮސްޕިޓަލުންނާއި އޭޑީކޭ ހޮސްޕިޓަލުންނެވެ. ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން މިހާރު ވަނީ އިތުރު ފަރުވާއަށް ބެންކޮކް ހޮސްޕިޓަލަށް ބަދަލުކުރެވިފައެވެ.
މުވައްޒަފުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް އާއިލާއާ ގުޅިގެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސްޓެލްކޯއިން ހާމަކުރިއެވެ.
"އަޅުގަނޑުމެންގެ ދުޢާ އަކީ އެ މުވައްޒަފަށް އަވަސް ޝިފާއެއް ލިބި، އަލުން ހެޔޮ ހާލުގައި ވަޒީފާއަށް ނިކުމެވުމުގެ ތައުފީޤު މާތް ﷲ ދެއްވެވުން."
ސްޓެލްކޯއިން ފުނުވި އިޢުލާނުގައި ވިދާޅުވެފައިވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ފުލުހުން މި ހާދިސާގެ މިނިވަން ތަހުގީގެއް ފަށާފައިވާތީ، ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް ދެމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!