އެންމެން އިންތިޒާރުކުރަމުން އައި ހއ.ހޯރަފުށީ ހަހެތި ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބާއްވާ 21 އަހަރުން ދަށުގެ (ޔޫ-21) "ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް 2025" ގައި ބައިވެރިވާ ޓީމުތައް ރަޖިސްޓްރީކޮށް ނިމި، މުބާރާތް ފެށުމަށް ތައްޔާރުވަމުން އެބަދެއެވެ.
މިއީ މި މުބާރާތް ބާއްވާ ހަވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ ހަ ޓީމަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔައިރު، މުބާރާތުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ޓީމުތައް މިހާރު ވަނީ ފައިނަލްވެފައެވެ.
މުބާރާތުގައި ބައިވެރިވުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވިއިރު، ހޯރަފުށިން ބޭރުން މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށްފައިވަނީ ހއ. މޮޅަދޫގެ ޔަންގް ބްލަޑް، ހއ. ދިއްދޫގެ ބާރަލާ ސްޕޯޓްސް ކްލަބް އަދި ހއ. އިހަވަންދޫގެ އެންވީކޭ އެވެ. މިއީ، ދިއްދޫ އިން މި މުބާރާތުގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ. ހޯރަފުށިން ބައިވެރިވުމަށް ރަޖިސްޓަރީކޮށްފައިވަނީ އެފްސީ ފްރިގޭޓަރ، 22 ސްޕޯޓްސް ކްލަބް އަދި ޓީމް ހިޔާ އެވެ. ޓީމު ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 15 ވަނަ ދުވަހުގެ 00:00 އެވެ.
މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ހިމެނެނީ ހޯރަފުށީގެ 21 އަހަރުން ދަށުގެ ފުޓްސަލް ކުޅޭ ޒުވާނުންނަށް މުބާރާތްކުޅެ، ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްސަލްއިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމެވެ. މީގެ އިތުރުން، ރަށުގެ ކްލަބް ޖަމިއްޔާތަކާއި އެކަޑަމީތަކާއި އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކޮށް، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް ވެސް މި މުބާރާތުން މަގުފަހިކޮށްދެއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 10,000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މިދިޔަ އަހަރު ބޭއްވި (2024) "ބޮޑޫ ހަހެތި ޔޫތު ފުޓްސަލް ޗެލެންޖް" ގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިހަވަންދޫ އެންވީކޭ ޓީމުންނެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރެއް ހޯދުމަށް ވެސް ވަނީ ހުޅުވާލާފައިވާ ކަމަށާއި، އެ ފުރުސަތު ޑިސެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.
މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައި ވަނީ މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ބައިވެރިވާ ޓީމުތަކަށް މުބާރާތުގެ ގަވާއިދުތަކާއި، އުސޫލުތަކާއި، އާމް ބެޖްތައް ހިއްސާކުރެވޭނީ ރަޖިސްޓްރީވުމަށްފަހުއެވެ.
ހޯރަފުށީގެ ޒުވާނުންގެ މެދުގައި ފުޓްސަލްގެ ހުނަރު އިތުރުކޮށް، ގުޅުން ބަދަހިކުރުމަށް މި މުބާރާތަކީ ވަރަށް މުހިންމު ފުރުސަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!