ހއ. އުތީމަށް ނަފާވެރިކަން ހޯދައިދިނުމުގެ މަޤްޞަދުގައި އެރަށު ކައުންސިލުން ''އުތީމު ޓުއަރ'' ފަށައިފިއެވެ.

އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ''ތިލަދުން'' އަށް މިއަދު ވިދާޅުވީ، ''އުތީމު ޓުއަރ'' އަކީ އުތީމު ކައުންސިލާއި ރައްޔިތުންނަށް ނަފާވެރިކަން ހޯދައިދީ އުތީމަށް ޒިޔާރަތް ކުރާ މީހުންގެ ފުށުން އުތީމުގެ އިގްތިސޯދަށް އިތުރު ފަހިކަން ހޯދައިދިނުމަށް ފެށި ކަމެއްކަމަށެވެ.

Ad
d

މިގޮތުން މިޓުއަރ އިއްޔެ ފަށާފައިވާއިރު، އުތީމު ޓުއަރ ފެށީ ހއ. މަނަފަރު ރިސޯޓުން އިއްޔެ އުތީމަށް ޒިޔާރަތްކުރި 18 ފަތުރުވެރިންނަށް ދިން ޚިދުމަތާއެކުގައެވެ.

ފުރަތަމަ އުތީމު ޓުއަރގެ ބައިވެރިންނަށް މަރުޙަބާ ކިޔުން، ފޮޓޯ: އުތީމު ކައުންސިލް

މި ޓުއާގައި ރާއްޖޭގެ އެންމެ ތާރީޚީ، ފަޚުރުވެރިއެއް ބިނާ އުތީމު ގަނޑުވަރު ފަތުރުވެރިންނަށް ދައްކާލުމާއި، އުތީމު ބޮޑުތަކުރުފާނުގެ ތާރީޚީ ޖިހާދާއި ގުޅިފައިވާ އަދި އެތަކުރުފާނާއި ޢާއިލާގެ ހަނދާންތަކާއި ގުޅިފައިވާ އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި، އުތީމު ކަނދުވަލު މިސްކިތާއި، ''ކަޑަ'' ކާނިގަހާއި، ބޮޑު ކާނިގަހާއި، އެރަށުގައި ހުންނަ އަބުކް އާޓް ގެލެރީ ފަތުރުވެރިންނަށް ދައްކާލާފައިވެއެވެ. އަދި ފަތުރުވެރިންނަށް ރަށުތެރެ ވެސް ދައްކާލާފައިވާއި، ދިވެހިވަންތަކަން އެކުލެވޭ ރޭގަނޑުގެ ކެއުމެއް ވެސް ވަނީ މި ޓުއާގައި ބައިވެރިވި ފަތުރުވެރިންނަށް ދީފައެވެ.

އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ފާހަގަކުރެއްވިގޮތުގައި ރާއްޖޭގެ ތާރީޚްގެ މުހިންމު މަރުކަޒެއްކަމުގައިވާ އުތީމުގައި ހުންނަ ގަނޑުވަރު ބަލައިލަން އަހަރަކު 30،000 ހަކަށް ހާސް ދިވެހިން ވެސް އެރަށަށް ޒިޔާރަތްކުރެއެވެ. އަދި މިފަދަ ޓުއަރއެއް ފެށުމުން ދިވެހީންގެ އިތުރުން ފަތުރުވެރިންނަށް ޙާއްސަ ކަންތައްތަކެއް އެރަށުގައި ތަޢާރަފްވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ފުރަތަމަ އުތީމު ޓުއަރގެ ބައިވެރިންނަށް މަރުޙަބާ ކިޔުން، ފޮޓޯ: އުތީމު ކައުންސިލް

''އަޅުގަނޑުމެން ޓުއަރ މި ރާވަނީ ހަމައެކަނި ކައުންސިލްގެ ބަޖެޓަށް އެކަމުން ނަފާލިބި ނިމޭގޮތަކަށްނޫން، މިރަށު ރައްޔިތުންނަށް ވެސް ނަފާވާނެ ގޮތަށް މިކަން ރާވާފައި ވަނީ، މިފަދަ ޓުއަރތަކުގެ ތެރެއިން ކެއުމެއް ހަދަން ލިބުނަސް، މަސްދަތުރެއް ނުވަތަ މިނޫންވެސް ކަމެއް ރާވަން ޖެހުނަސް އައުޓްސޯސްކޮށްގެން ކޮންމެސް ރައްޔިތުބަޔަކަށް ފައިދާވާގޮތަށް އެކަމެއް ކުރިއަށް ގެންދާނީ، އަޅުގަނޑުމެން ފުރަތަ ޓުއަރ މި ބޭއްވީ މަނަފަރުން އައި ފަތުރުވެރިން ތަކަކަށް، މީގެ ތިންވަރަކަށް ޓުއަރ މަހަކު ލިބުނަސް ރަށަށް 80 ވަރަކަށް ހާސް ރުފިޔާގެ އާމްދަނީއެއް ވަންނާނެ'' ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.

ފުރަތަމަ އުޓީމު ޓުއަރގެ ބައިވެރިއަކަށް އުތީމު ރައީސް ޢަބުދުﷲ ރަޝީދު ހަނދާނީ ހަދިޔާއެއް ދެނީ، ފޮޓޯ: ކައުންސިލް

އޭނާ ވިދާޅުވީ، މި ޓުއަރގެ ހުރިހާ ވެސް މަގުސަދަކީ ރަށަށް ވަންނަ ނަފާވެރިކަން އިތުރުކޮށް، ރައްޔިތުންނަށް ލިބޭ އާމްދަނީ އަށް ހެޔޮ އަސަރެއް ގެނައުމަށް މަގުފަހިކޮށްދިނުންކަމަށެވެ.

''މިރަށަކީ ދިވެހި ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއްރަށް، މިހާރު ވެސް އެތައް ބަޔަކު ޒިޔާރަތްކުރާ ރަށެއް، މިރަށުގައި ރަނގަޅުފެންވަރުގެ ގެސްޓްހައުސް އެބަހުރި، ރެސްޓޯރެންޓް އެބަހުރި، ޗުއްޓީ ހޭދަކޮށްލަން ވިޔަސް އެތައް ކަމެއް އެބަހުރި، މިފަދަ ޓުއަރއެއް ތަޢާރަފްކުރުމުން ރަށަށް ޒިޔާރަތް ކުރާ މެހެމާނުންނަށް ވެސް އިތުރު އޮޕްޝަނެއް ލިބުނީ، ހިތްއުފާކޮށްލާ، މި ތާރީޚީ ރަށުގެ ތާރީޚީ ތަންތަން ބަލައިލަން ފަސޭހަމަގެއް ހޯދައިދެވުނީ'' ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.

Ad
df
ފުރަތަމަ އުތީމު ޓުއަރގެ ބައިވެރިންނަށް ދިން ރޭގަނޑުގެ ކެއުމުގެ ތެރެއިން، ފޮޓޯ: އުތީމު ކައުންސިލް

އުތީމަކީ ފުށެތިކާލުން (ޕޯޗްގީޒުން)ގެ އިސްތިޢުމާރީ އަޅުވެތިކަމުން ދިވެހިރާއްޖެއާއި ދިވެހީން މިނިވަންކަން ހޯއްދަވައިދެއްވި ބަޠަލު އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނު) ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.