ހދ.އަތޮޅު ކޮންމެ ރަށަކަށް ބަގީއެއް ހޯދުމަށް އެ އަތޮޅު ކައުންސިލުންދޭ ގްރާންޓްގެ އެއްބަސްވުންތަކުގައި ސޮއިކުރަންފަށައިފިއެވެ.
ހދ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ‘’ތިލަދުން’’ އަށް ވިދާޅުވީ، ބަގީއެއް ގަތުމަށްޓަކައި އަތޮޅުގެ ހުރިހާ ރަށަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކޮންޑިޝަނަލް ގްރާންޓްގެ އެއްބަސްވުންތަކުގައި ކައުންސިލްތަކާއެކު މިހާރު ސޮއިކުރަމުން އަންނަކަމަށެވެ. އަދި ބައެއް ކައުންސިލްތަކަށް ގްރާންޓް ޖަމާކޮށްދީފައިވާކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.
މި އެއްބަސްވުން މިހާތަނަށް ހަނިމާދޫ، ހިރިމަރަދޫ، ނޮޅިވަރަންފަރު، ނޮޅިވަރަމް އަދި ނޭކުރެންދޫ ފިޔަވާ އެހެން ރަށްތަކާއެކު މިހާރު ގާއިމުކޮށްފައިވާކަމަށް ވަހީދު ވިދާޅުވިއެވެ.
''މީގައި އަތޮޅު ކައުންސިލްގެ މިދިޔަ ދައުރާއި މި ދައުރުގެ ނިންމުމެއް އޮތްކަންފާހަގަކޮށްލަން، އެއީ ކަތީބުންގެ ޒަމާނުގައި އަތޮޅު މާލިއްޔާއިން ރަށްރަށުން ނަގާފައިވާ ލޯނުގެ ނުދައްކާއޮތް މިންވަރު ބަގީ ގަތުމަށްދޭ ގްރާންޓުން އުނިކުރުމަށް، އެއީ އަތޮޅު ކައުންސިލްގެ ނިންމުމެއްކަމުގައިވާތީ އެ ނިންމުން އަޅުގަނޑުމެން ތަންފީޒު ކުރަންޖެހޭ'' ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ލޯނު ބަރާބަރަށް ދައްކާ ކައުންސިލްތައް ވެސް އެބަހުރިކަމަށެވެ.
ކުޅުދުއްފުށީ ސިޓީ ހިމެނޭހެން އަތޮޅުގެ ރަށްތަކަށް ބަގީ ހޯދުމަށް އެހީތެރިވުމުގެ ބޭނުމަކީ ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ މީހުންނަށް ލުއިފަސޭހަކަން ހޯދައިދިނުންކަމަށް ވަހީދު ވިދާޅުވިއެވެ.
އަތޮޅު ކައުންސިލުން އެހީ ދެނީ ކޮންމެ ރަށަކަށް އަށް ސީޓުގެ ބަގީއެއް ގަތުމަށެވެ. މިކަމަށް ކޮންމެ ރަށަކަށް 91،538.00 ރުފިޔާ ދިނުމަށް އަތޮޅުކައުންސިލުން ވަނީ ނިންމާފައެވެ.
މި ގްރާންޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އަތޮޅު ކައުންސިލުގެ ބަޖެޓުން ހޭދަކޮށްގެން ކުޅުދުއްފުށި ސިޓީވެސް ހިމެނޭހެން އަތޮޅުގެ ރަށްތަކަށް ބޭނުންވާ މިފަދަ މުހިއްމު ވަޞީލަތްތައް ޤާއިމުކުރުމަށް ކޮންމެ އަހަރަކުވެސް ފޯރުކޮށްދެމުންދާ މާލީ އެހީތެރިކަން ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!