ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހީން" ޓެލެތޯނުން ލިބުނު 800،352 ޑޮލަރު، ޚާރިޖީ ވުޒާރާއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި ފައިސާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރާއްޖޭގެ ޚާރިޖީ ވުޒާރާގައެވެ. މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި މި އެހީގެ ފައިސާ ހަވާލުކުރެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީނެވެ.
މި ޓެލެތޯން ފެށިފައިވަނީ ނޮވެންބަރު 30 ވަނަ ދުވަހުއެވެ. ސްރީލަންކާއަށް އެހީވުމުގެ މި ހަރަކާތުގައި ޖުމްލަ 37 މީޑިއާ އިދާރާ ގުޅިގެން މަސައްކަތްކޮށްފައިވެއެވެ.
މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ އިތުރުން ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އިތުރުން ކުލަބު ޖަމިއްޔާތަކުން ވެސް ބޮޑު އެއްބާރުލުމެއް ލިބުނު މަސައްކަތެކެވެ. ޓެލެތޯނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަ ބަޔަކު ބޮޑެތި އަދަދުތަކުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
މި ޓެލެތޯން ކުރިއަށް ގެންދިޔައީ ބީއެމްއެލްއިން ހަމަޖެއްސި ޚާއްސަ އެކައުންޓަކާއި ފަންޑު ފޮށިތަކެއް ބޭނުންކޮށްގެންނެވެ. ހަމައެއާއެކު މި ހަރަކާތުގެ ދެފުށް ފެންނަ ގޮތަށް ކަންކަން ބެލެހެއްޓުމުގައި ކްރޯ މޯލްޑިވްސްގެ ބެލުމުގެ ދަށުން މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ޓެލެތޯނަށް އެންމެ ގިނަ ފައިސާ ހަދިޔާކުރި ދެ ފަރާތަކީ ދިވެހި ފުލުހުން (2.4 މިލިއަން ރުފިޔާ) އާއި ދިވެހި ސިފައިން (1 މިލިއަން ރުފިޔާ) އެވެ.
މި ޓެލެތޯނުން ލިބުނު ފައިސާ ޚާރިޖީ ވުޒާރާއާ ހަވާލުކުރެވުމާއެކު، ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.
ދިވެހި ރައްޔިތުންގެ މި ހެޔޮ އެހީތެރިކަމަކީ ކާރިސީ ހާލަތެއްގައި އޮތް އަވަށްޓެރި ގައުމަކަށް ދިވެހީންގެ ފަރާތުން ލިބުނު ވަރަށް މުހިންމު އެއްބާރުލުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!