ބާރުގަދަ ތޫފާން "ޑިޓްވާ" އާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބުނު ސްރީ ލަންކާގެ ރައްޔިތުންނަށް އެހީވުމަށް ދިވެހިރާއްޖެއިން ކުރިއަށް ގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން 250،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

މި އެހީއަކީ ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ލަންކާގެ ރައްޔިތުންނަށް އެހީތެރިވުމަށް ސްޓެލްކޯގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ފަރާތުން ދެއްވި އެހީއެކެވެ.

Ad
rt

މި އެހީގެ ޗެކް ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދުއެވެ. ޕީއެސްއެމްގެ ފަރާތުން މި ޗެކާއި ހަވާލުވީ އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރު ޔާމިން ރަޝީދެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިސްނަގައިގެން ފެށި މި ޓެލެތޯނަކީ އަވަށްޓެރި ޤައުމަށް ދިމާވި މި ބޮޑު ކާރިސާގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

"ސިލޯނާ އެކު ދިވެހިން" ޓެލެތޯން އިއްޔެ ހެނދުނު ފެށިގެން މިއަދު މެންދުރު 1:00 އާ ހަމައަށް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. ޕީއެސްއެމްއިން އިސް ނަގައިގެން 37 މީޑިއާ ހައުސްގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މި ޓެލެތޯނަށް މިހާތަނަށް ވަނީ 5.7 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިފައެވެ. މި އަދަދަކީ ދިވެހި ރައްޔިތުންގެ ހިތްވަރާއި އެއްބައިވަންތަކަން ދައްކުވައިދޭ އަދަދެކެވެ.

ސްރީ ލަންކާގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށްދާ މި ހަރަކާތަށް ފައިސާ ޖަމާކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވާއިރު، ބޭންކް ޓްރާންސްފާ މެދުވެރިކޮށްވެސް ފައިސާ ޖަމާކުރެވޭނެއެވެ.

ދިވެހި ރުފިޔާއިން ޖަމާކުރުމަށް ހަމަޖެހިފައިވާ އެކައުންޓަކީ 7730000796107 އެވެ. އަދި ޑޮލަރުން ޖަމާކުރާނަމަ އެކައުންޓަކީ 7730000796106 އެވެ.