އަވަށްޓެރި ސްރީލަންކާ އަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ދިވެހި މީޑިއާތަކުން އިސްނަގައިގެން ކުރިއަށް ގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯން މިއަދު ފަށައިފިއެވެ.

މި ޚާއްސަ ޓެލެތޯން ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ފެށިގެން މިރޭ މެންދަމު 1:00 ޖެހުމާ ހަމައަށެވެ.

Ad
rt

މި ޓެލެތޯން ފަށާފައި މިވަނީ މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ''ޑިތުވާ''އާ ގުޅިގެން އެޤައުމު ކާރިސީ ޙާލަތަކަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. ތޫފާނުގެ ސަބަބުން ސްރީލަންކާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ބައިނަލްއަޤުވާމީ އެހީތެރިކަން އެންމެ ބޮޑަށް އެޤައުމަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި، ދިވެހި މީޑިއާތަކުން ވަނީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށް އިސްނަގާފައެވެ.

ޓެލެތޯން ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމް ނިއުސްގެ ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު ޖަދުޢާން ވަނީ މިއީ ހުރިހާ ދިވެހި ރައްޔިތުންގެ ޓެލެތޯނެއް ކަމަށް ވިދާޅުވެ، އެންމެން ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.


މާލޭގެ އިތުރުން އަތޮޅުތަކުގައި ތިބި ރައްޔިތުންނަށް ވެސް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ބައިވެރިވި މީޑިއާތަކުން ވަނީ މި ހަރަކާތަކީ މީޑިއާތަކުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެއް ނަމަވެސް، ހުރިހާ ދިވެހީންގެ އެއްބާރުލުން ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

މި ހެޔޮކަމުގެ ހަރަކާތުގައި މިހާތަނަށް ރާއްޖޭގެ 37 މީޑިއާއަކުން ބައިވެރިވެފައިވާއިރު، އިތުރު މީޑީއާތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމުގެ އިތުރުން، ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީ ދިނުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. މި ޓެލެތޯން މިއަދު ރޭ މެންދަމު 1:00 ޖެހުމާ ހަމައަށް ކުރިއަށްދާނެއެވެ.