މޫޑީޒް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް ކުރިން އޮތް "ނެގެޓިވް" އިން "ސްޓޭބަލް" އަށް ބަދަލުކޮށްފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ވަނީ ދަމަހައްޓާފަ އެވެ.
މޫޑީޒްގެ މި ނިންމުމަކީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފެށުމުގެ ހެއްކެއް ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ބަދަލަކީ ފާއިތުވި އަހަރުގެ ތެރޭގައި ރާއްޖެއިން ގެންގުޅެފައިވާ ހަރުދަނާ މާލީ ސިޔާސަތުތަކާއި، އަޅާފައިވާ ފިޔަވަޅުތަކުގެ ރަނގަޅު ނަތީޖާއެކެވެ. އަދި މިއީ ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ރޭވުންތެރިކަމާއެކު ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާވެސް ފެންނަ ކަމެއް ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، ފާއިތުވި އަހަރުތަކުގައި އާމްދަނީއާ ނުބައްދަލު މިންވަރަށް ސަރުކާރުގެ ހަރަދުތައް ބޮޑުވެ، ހަރަދުތައް ފައިނޭންސްކުރުމަށް ބޮޑު އަގުގައި ދަރަނި ނަގާފައިވާ މިންވަރު އިތުރުވިއެވެ. މިކަމުގެ ސަބަބުން، ސަރުކާރުގެ ފިސްކަލް ހާލަތު ދަށްވެ، ރާއްޖޭގެ މާލިއްޔާ އޮތީ ދަރަނި އަދާނުކުރެވޭ މިސްރާބެއްގައި ކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ފާހަގަކުރަމުން އައިސްފައިވެ އެވެ. ބޭރު ފައިސާއިން ނަގާފައިހުރި ދަރަނިތައް އަދާކުރުމަށް ބޮޑެތި ހޭދަތައް ކުރަންޖެހުމުގެ ސަބަބުން، ދައުލަތުގެ ރަސްމީ ރިޒަރވް ފަހުގެ ތާރީހެއްގައި ހީނަރު ނުވާ މިންވަރަށް ހީނަރުވެގެން ދިޔަ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
މި ހާލަތުން އަރައިގަނެ، ދެމެހެއްޓެނިވި ގޮތެއްގެ މަތިން މާލީ ކަންކަން ތަރުތީބުކުރުމަށް 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރަން ފަށާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ރާއްޖޭގެ އިގުތިސާދުގެ ވިލުންތެރިކަމަށް އަލިއަޅުވާލައި މޫޑީޒްއިން ނެރުނު ބަޔާނުގައި، ރޭޓިންގއަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން މެކްރޮފިސްކަލް ހާލަތު ރަނގަޅުވުމެވެ.
މޫޑީޒްއިން ފާހަގަކުރި ގޮތުގައި، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއަރޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ގާނޫނާއި ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒަރވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފަ އެވެ. މީގެ އިތުރުން، މިދިޔަ އަހަރު 15 މިލިއަން އެމެރިކާ ޑޮލަރުގައި ހުރި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ކޭޝް ބެލެންސް، މި ސިޔާސަތުތަކާއެކު 9 ނޮވެންބަރު 2025 ގެ ނިޔަލަށް 126 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކުރެވޭކަން މޫޑީޒްއިން ވަނީ ފާހަގަކޮށްފަ އެވެ.
2026 އިން 2028 ވަނަ އަހަރަށް ފާސްކޮށްފައިވާ މެދުރާސްތާގެ ބަޖެޓުގައި ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ މިންވަރަކަށް ސަރުކާރުގެ ޑެފިސިޓް ކުޑަކުރަމުން ގެންދިއުމަށް ނިންމާފައިވާކަމުގައި މިނިސްޓްރީން ފާހަގަކުރެ އެވެ. އަދި ޖީޑީޕީގެ ނިސްބަތުން ޖުމްލަ ދަރަނި ދަށްކޮށް، ރާއްޖޭގެ ދަރަނީގެ ދެމެހެއްޓެނިވިކަން އިތުރުކުރުމުގެ ގޮތުން، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ގާއިމުކުރި މަގުސަދާ އެއްގޮތަށް، އެ ފަންޑަށް ޖަމާކުރަމުންދާ ބޭރު ފައިސާއިން، ކޮންމެ އަހަރަކުވެސް އަދާކުރަންވާ ބޭރުގެ ދަރަނި އަނބުރާ ދެއްކުމަށް ވެސް ރާވާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ދަރަނީގެ މިންވަރު މަތިވެފައިވުމުގެ ސަބަބުން މޫޑީޒް އިން ދީފައިވާ Caa2 ގެ ރޭޓިންގ ދަމަހައްޓާފައިވީ ނަމަވެސް، 2026 ވަނަ އަހަރު މެޗުއަރވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަދި އެހެނިހެން ދަރަނި އަދާކޮށް، މެދުރާސްތާގައި ދަރަނީގެ މިންވަރު ދަށްކުރެވޭނެ މިސްރާބަކަށް ގެނައުމަށްވެސް ރާވާފައިވާކަމަށެވެ.
ރާއްޖެއަށް ބޭރުގެ ފަރާތްތަކުން ފައިނޭންސިންގ ހޯދޭ މިންވަރު ދަށްވެފައިވާކަމަށް މީގެ ކުރިން ބައިނަލްއަގްވާމީ މާލީ އިދާރާތަކުންނާއި ރޭޓިންގ އެޖެންސީތަކުން ފާހަގަކުރަމުން ދިޔަ ނަމަވެސް، ދޭދޭ ގައުމުތައް މެދުވެރިކޮށް ބޭރުގެ ފައިނޭންސިންގ ހޯދާފައިވާކަމާއި، ބައިލެޓަރަލް ފަރާތްތަކުން ފައިނޭންސިންގ ހޯދުމުގެ ގާބިލުކަން ދައްކައިދީފައިވާކަމަށް މޫޑީޒްގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މިއީ ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކޮށް، ދޭދޭ ގައުމުތަކާއި ބޭރުގެ ފަރާތްތަކުގެ އިތުބާރު ހޯދާފައިވާކަމުގެ ހެއްކެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.
ސަރުކާރުގެ އާމްދަނީ އާއި ހަރަދުގެ ސިޔާސަތުތައް ބައްޓަންކޮށް، ތަންފީޒުކުރަމުން ގެންދާނީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމާއެކު މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ހާސިލުވާ ގޮތުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަދި ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި، ހަރަދުތައް ކޮންޓްރޯލްކޮށް މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައްވެސް މޫޑީޒްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. މި ބަދަލާއެކު ރާއްޖޭގެ މާލީ އިތުބާރު ބައިނަލްއަގްވާމީ މާކެޓްތަކުގައި އިތުރުވެ، ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުވުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!