މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ބެތަނީ ސޭރާ ކެރްސްވެލް އެވެ. އޭނާ ރާއްޖެއައީ ފުރަތަމަ ފަހަރަށް ފިރިމީހާއާއެކު ހަނީމޫނަށެވެ. މި ލަޤަބު ލިބުމުން އުފާފާޅުކޮށް، ބެތަނީ ސޭރާ ވަނީ ދިވެހިންގެ ހިތްހެޔޮކަން ފާހަގަކޮށްފައެވެ.

Ad
rt

ދެ މިލިއަން ވަނަ ފަތުރުވެރިތާ އަށް މަރުޙަބާ ކިޔުމަށް ކުލަ ގަދަ ހަރަކާތްތަކެއް ބާއްވާފައިވާއިރު، މި ފަތުރުވެެރިޔާ އަށް މަރުޙަބާ ކިޔުމުގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމާއި، ވިޒިޓް މޯލްޑިވްސް އަދި އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވިއެވެ.

މި އަހަރުގެ 2 މިލިޔަން ފަތުރުވެރިންގެ ޢަދަދު ހަމަވެފައި މިވަނީ މިދިޔަ އަހަރަށްވުރެ އެއް މަސް ކުރިންނެވެ. މިދިޔަ އަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ ޑިސެމްބަރު 26 ގައެވެ. ނަމަވެސް މިއަހަރުގެ ކުރިއެރުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދަނީ ހަލުވިކަމާއެކު ކުރިއަރަމުންކަން މިކަމުން ހާމަވެއެވެ. މިހާރު ދުވާލަކު އެވްރެޖްކޮށް 6000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އާދެއެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ޗައިނާއިން މިހާތަނަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.