ހުޅުމާލޭގައި ކަރަންޓްގެ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާ އަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

މި ހާދިސާގައި އެ މުވައްޒަފުގެ ހަށިގަނޑުގެ އެކި ތަންތަން ފިހި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ސްޓެލްކޯއިން މިއަދު ވަނީ ހާމަކޮށްފައެވެ.

Ad
rt

ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ބައު އިންޖީނުގޭގެ ސްވިޗްގިއަރއަކަށް ދިމާވި މައްސަލައެއް ޙައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އަނިޔާވި މުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރެވިފައިކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނީގެ ފަރާތުން ބުނެފައިވަނީ، އަނިޔާ ލިބުނު މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ ޢާއިލާއާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ކަރަންޓް މައްސަލަ ހައްލުކުރުމުގެ ތެރޭ އަލިފާނުގެ ހާދިސާއެއް ހިނގައި ސްޓެލްކޯގެ މުވައްޒަފަކަށް އަނިޔާވެއްޖެ

މީގެ އިތުރުން، މި ހާދިސާގެ މިނިވަން ތަޙުޤީޤެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ފަށާފައިވާތީ، އެ ފަރާތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް ސްޓެލްކޯއިން ދެމުންދާނެ ކަމަށް ވަނީ ބުނެފައެވެ. ސްޓެލްކޯއިން އެދިފައިވަނީ މި ނާޒުކު ޙާލަތުގައި، އަނިޔާވި މުވައްޒަފުގެ ޢާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިދާނެފަދަ ހުރިހާ ޢަމަލަކުން ދުރުހެލިވުމަށާއި، ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައިނުވާ މަޢުލޫމާތު ފެތުރުމުންވެސް ދުރުހެލިވުމަށެވެ.

އަނިޔާވި މުވައްޒަފުގެ ސިއްޙީ ޙާލަތާއި ގުޅޭ މަޢުލުމާތު ލިބެމުންދާވަރަކުން ރަސްމީ އިދާރާތަކުންނާއި ކުންފުނީގެ ފަރާތުން ހާމަކުރާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި އެ މުވައްޒަފަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.