ހުޅުމާލޭގައި ކަރަންޓްގެ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ސްޓެލްކޯގެ މުވައްޒަފަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއަރއަކަށް ދިމާވި މައްސަލައެއް ހައްލުކުރަމުން ދަނިކޮށެވެ.

Ad
rt

ސްޓެލްކޯއިން ބުނިގޮތުގައި، މި ހާދިސާގައި އަނިޔާވި މުވައްޒަފަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑެން ދިމާވީ، ހުޅުމާލޭގެ ބައު އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފްވުމުންކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

މި މައްސަލަ ދިމާވުމުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް މިހާރު ދަނީ އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. ސްޓެލްކޯއިން ވަނީ މިކަމުގެ ސަބަބުން ދިމާވި ދަތިތަކަށް މައާފަށް އެދިފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ސާފުކޮށް އެނގިފައެއް ނުވެއެވެ.